ކޮވިޑް-19: އެއާލައިންތަކަށް ފަސް ބިލިއަން ޑޮލަރުގެ ގެއްލުން

މޮންޓްރިއަލް (ފެބްރުއަރީ 16) - ޗައިނާގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަހުގެ ސަބަބުން ބައިނަލްއަގުވާމީ އެއާލައިންތަކަށް 4-5 ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އިކާއޯ) އިން ބުނެފި އެވެ.


އދ.ގެ އެޖެންސީން ބުނީ މިހާރު ވެސް 70 އެއާލައިނަކުން ވަނީ ޗައިނާ އަށް ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލާފައި ކަމަށެވެ. އަދި އިތުރު 50 އެއާލައިނަކުން ވަނީ ޗައިނާ އަށް ކުރާ ދަތުރުތައް ވަރަށް ބޮޑަށް މަދުކޮށްފައި ކަމަށް ވެސް އިކާއޯ އިން ބުނެފައިވެ އެވެ. މީގެ މާނައަކީ ގާތްގަނޑަކަށް 20 މިލިއަން މީހުންގެ ދަތުރުތައް ހުއްޓުމަކަށް އައުމެވެ.

އެހެންވެ އެ އަދަދުތަކުން ދައްކާ ގޮތުގައި އެއާލައިންތަކުގެ އާމްދަނީން ފަސް ބިލިއަން ޑޮލަރު ގެެއްލޭނެ ކަމަށް އެޖެންސީން ބުނެފައިވެ އެވެ.

އިކާއޯ އިން ބުނީ ވައިރަސް ފެތުރުމުގެ ކުރިން އެއާލައިންތަކުން ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާ އަށް ކުރާ ދަތުރުތައް ނުވަ ޕަސެންޓް އިތުރު ކުރަން ނިންމާފައި ކަމަށެވެ.

ޗައިނާ އަށް ކުރާ ދަތުރުތައް މަދުކުރުމުން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ގައުމެއް ކަމަށް ވަނީ ޖަޕާނެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖަޕާނުގެ ޓޫރިޒަމް އާމްދަނީން 1.29 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް އިކާއޯ އިން ލަފާކޮށްފައިވެ އެވެ. ތައިލެންޑުގެ ޓޫރިޒަމަށް ވެސް 1.15 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް އިކާއޯ އިން ބުނެފައިވެ އެވެ.

ވޭތުވެދިޔަ 17 އަހަރަށް ބަލާއިރު ޗައިނާގެ ބައިނަލްއަގުވާމީ އެއާ ޓްރެފިކް ވަނީ ދެ ގުނަ އިތުރުވެފަ އެވެ. އަދި ޑޮމެސްޓިކް ޓްރެފިކް ވަނީ ފަސް ގުނަ އިތުރުވެފަ އެވެ.