ޕާކު ހަދަން ހުޅުމާލެ ބާބަކިއު އޭރިއާ ބަންދުކޮށް، ރުއްގަނޑަށް ބަދަލުކޮށްފި 

ހުޅުމާލެ ފުރަތަމަ ފޭހާއި ދެވަނަ ފޭސް ގުޅާލުމަށް ތަރައްގީ ކުރާ ޗެނަލް ޕާކު ހެދުމަށް ބާބަކިއު އޭރިއާ ބަންދުކޮށް ވަގުތީ ތަނެއް މާދަމާ ހުޅުވަން ނިންމައިފި އެވެ.


ވަގުތީ ބާބަކިއު ސަރަހައްދެއްގެ ގޮތުގައި އެޗްޑީސީން ކަނޑައަޅާފައި ވަނީ ހުޅުމާލެ ރުއްގަނޑު 2 ސަރަހައްދެވެ. މިއީ މިހާރުވެސް ގިނަ ހަރަކާތްތައް ބާއްވަމުން އަންނަ ސަރަހައްދެކެވެ.

ބާބަކިއު އޭރިއާ ހުރި ތަނުގައި "ޗެނަލް ޕާކް ބޮލެވާޑް"ގެ ނަމުގައި ތަރައްގީ ކުރާ ޕާކު ނިމޭއިރު ހުންނާނެ ގޮތް ދައްކުވައިދޭ ވޯޑިއޯއެއް ވެސް އެޗްޑީސީން ވަނީ މިއަދު އާއްމުކޮށްފަ އެވެ. މި ވީޑިއޯއިން ދައްކާގޮތުގައި ކުޑަކުދިން ކުޅޭ ސަރަހައްދަކާއި ސްކޭޓް ޕާކަކާއި ރެސްޓޯރެންޓުގެ އިތުރުން އައުޓްޑޯ ޖިމެއް ވެސް ޕާކުގައި ހުރެ އެވެ. މި ޕާކުގައި ތަރައްގީ ކުރާ ރެސްޓޯރެންޓުތައް ޑިޒައިން ކުރަން ނިންމާފައިވަނީ ދޯނީގެ ޑިޒައިނަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވިގޮތުގައި ޗެނަލް ޕާކު ތަރައްގީ ކުރުމަށް ހަވާލު ކޮށްފައިވަނީ ޗައިނާގެ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ) އާއެވެ. މި ޕާކަކީ ހުޅުމާލެ ފޭސް ދޭއް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ ތަފާތު ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭ ޕްރޮޖެކްޓެކެވެ.

ހުޅުމާލޭގެ ދެ ފޭސް ގުޅާލުމަށް ޕާކުގެ އިތުރުން ފަސް ބްރިޖު އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. މި ބްރިޖުތަކަކީ ވެސް ސީއެސްއީސީސީ އިން ހަދަމުން އަންނަ ބްރިޖުތަކެވެ.