އެމްއެމްއޭ އިން ކުރު ފިލްމު މުބާރާތަކަށް ހުޅުވާލައިފި

އަންނަ މަހު ފާހަގަކުރާ ގްލޯބަލް މަނީ ވީކްސްއާ ދިމާކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރު ފިލްމު މުބާރާތެއް ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފި އެވެ.


މަރުކަޒީ ބޭންކުން ބުނީ މި މުބާރާތުގެ ބޭނުމަކީ މާލީ ކަންކަމަށް ހޭލުންތެރިކަން އުފައްދައިދޭނެ ފިލްމުތަކެއް ހެދުން ކަމަށާއި ފިލްމު ހަދަން ތިން މައުޟޫއެއް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ "މަގޭ ދަރަނި، މަގޭ ޒިންމާ" އާއި "އިންޝުއަރެންސުން ރައްކާތެރިކަން" އަދި "ފާގަތި ދިރިއުޅުމަކަށް، ފަހަށް ރައްކާކުރުން" އެވެ.

މުބާރާތަށް ހުށަހަޅާ ފިލްމުތަކުގެ ދިގުމިނަކަށް ވާންޖެހޭނީ 1-3 މިނިޓެވެ. އުމުރުން 16-35 އަހަރާ ދެމެދު މީހުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވައިލި މުބާރާތަށް ފިލްމުތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 23 އެވެ.

މުބާރާތުން އެއް ވަނަ އަށް ހޮވޭ ފިލްމަކަށް 30،000ރ. ގެ އިނާމެއް ވެސް ދޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މި އަހަރުގެ ގްލޯބަލް މަނީ ވީކް ފާހަގަކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23-29 އަށެވެ.