ހަމަ އަގަކީ ކޮބައިކަމެއް ނޭނގޭ، މަހުގެ އަގު ކަނޑައަޅަނީ މާކެޓް ރޭޓު ބަލައިފައި: އެންސިސް

މަސްވެރިން ބާނާ މަހަށް ލިބެންޖެހޭ "ހަމަ އަގު" އެއީ ކޮބައިކަން ނޭނގޭ ކަމަށާއި އެންސިސް އަށް ހަމަ އަގަކީ މާކެޓުގައި މަސް ވިއްކަން އޮންނަ އަގަށް ބެލުމަށް ފަހު ކޮންމެ ދުވަހަކު ކަނޑައަޅާ އަގު ކަމަށް އެ ކުންފުނިން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ބުނެފި އެވެ.


މަސްވެރިން ބާނާ މަހަށް ހަމަ އަގު ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން، އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް ވިދާޅުވީ، މަސްވެރިންނަށް އަގެއް ކޮމިޓްވި ނަމަވެސް ކޮންމެ ދުވަހަކު ވެސް އަގު އަންނާނީ ބަދަލުވަމުން ކަމަށެވެ. އެހެން ކަމުން، އެއް ދުވަހުގެ އަގު ބެލުމަށްފަހު، އޭގެ އަނެއް ދުވަހު، މަސް ކިރުވަން އައިސްފި ނަމަ، އަގު ބަދަލުވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުގެ އަގު ބަދަލުވެ، ވަރަށް ކުޑަ އަގެއްގައި ކަންނެލި ކިރުވާ ކަމުގެ ޝަކުވާތައް މަސްވެރިން ކުރުމާ ގުޅިގެން އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އޭނާ ވަނީ މަސްވެރިންގެ އަތުން ކަންނެލި ގަންނަ އަގު ވަރަށް ބޮޑަށް ކުޑަވަމުންދާ ކަން ފާހަގަކުރައްވައިފަ އެވެ. އެމްއޭސީއެލް އާއި އެއާލައިންތަކުން ނަގާ ފްރައިޓް ޗާޖު ކުޑަކޮށްފި ނަމަ، މަސްވެރިންނަށް އޭގެ ފައިދާ ފެންނާނެތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ވަސީމް ވިދާޅުވީ، ރޯ މަސް އެކްސްޕޯޓު ކުރަން ދައްކަން ޖެހޭ ފީތައް މިހާރަށްވުރެ ކުޑަކުރެވިއްޖެ ނަމަ، މަސްވެރިންގެ އަތުން އަގު ބޮޑުކޮށް، މަސް ގަނެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އަވައްޓެރި ސްރީލަންކާ އިން މަސް އެކްސްޕޯޓު ކުރުމަށްދާ ހަރަދާއި ރާއްޖޭ އިން އެކަމަށްދާ ހަރަދުގައި ކިލޯއަކުން އެއް ޑޮލަރުގެ ތަފާތު ހުންނަ ކަމަށެވެ. އެމްއޭސީއެލުން މިހާރު ނަގާ ފީއަކީ ވެސް ކުޑަ ކުރެވޭނެ އަގެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމުތަކަށް އާ އެއާލައިނެއް ފައްޓާ އިރު، އެ އެއާލައިންތަކާ އެކު ހެދޭ އެގްރީމެންޓްތަކުގައި، ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ އެ ގައުމަކުން އެކްސްޕޯޓު ކުރާ މައިގަނޑު އެއްޗެއްގެ ފްރައިޓުން ވަކި ވަރަކަށް ކުޑަ ކުރުން. އެކަހަލަ ކަމެއް ރާއްޖޭގައި ނޯވޭ،" އޭނާ ވިދާޅުވި އެވެ.

އެންސިސްގެ އިސްވެރިންނާއި އެމްއޭސީއެލްގެ މުވައްޒަފުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި. --ފޮޓޯ:އަހުމަދު އަވްޝަން އިލިޔާސް/ މިހާރު

އެއާލައިންތަކަށް ދައްކަން ޖެހޭ ފްރައިޓް އަގު ކުޑަ ކުރެވިއްޖެ ނަމަ، މަސްވެރިން އަތުން މިހާރަށް ވުރެ ރަނގަޅު އަގުތަކެއްގައި ކަންނެލި ގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލުން އެކްސްޕޯޓް ޑިއުޓީ ކުޑަ ކުރުމާ ދެކޮޅު

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު އަހުމަދު އަޒީމް ވިދާޅުވީ، އެކްސްޕޯޓު ކުރާ މަސް ކިލޯއަކުން އެމްއޭސީއެލުން ނަގަނީ 1.83ރ. ކަމަށެވެ. މި އަދަދަކީ، ދޭ ހުރިހާ ހިދުމަތެއް އެއްކޮށްލުމުން އަރާ ވަރު ކަަމަށާއި، އެ ކުންފުނިން، މަސް އެކްސްޕޯޓަރުންނަށް ދޭ ބައެއް ހިދުމަތްތައް ނުނަގާ ނަމަ ކުންފުނިތަކުން ކިލޯއަކަށް އެއަށް ވުރެ ވެސް ކުޑަ އަގެއް ދެއްކޭނެ ކަމަށެވެ.

"މި އަދަދަކީ ކޮންމެ ކިލޯއެއް އެކްސްޕޯޓު ކުރާ އިރު ނަގާ ވަރެއް ނޫން. އެ އޮޕަރޭޓަރަކު ބޭނުން ނުކުރާ ހިދުމަތެއް ނަމަ އެއަށް ޗާޖެއް ނުކުރާނެ. އެމްއޭސީއެލުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން އެކްސްޕޯޓު ކުރުގެ ކަންކަމަށް މަގުފަހި ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު އަހުމަދު އަޒީމް ކޮމިޓީގައި ޖަވާބުދާރީ ވަނީ. --ފޮޓޯ:އަހުމަދު އަވްޝަން އިލިޔާސް/ މިހާރު

މިހާރު ވެސް ފީތައް ނަގަނީ، ވަރަށް ކުޑަކޮށް ކަމަށާއި އެއީ އެކަށީގެންވާ އަގެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ ހިދުމަތްތައް ފުރިހަމައަށް ދިނުމަށްޓަކައި ވަރަށް މުހިއްމު ފީތަކެއް ކަމަށް އަޒީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އިމްޕޯޓް ޗާޖަށް ބަލާ އިރު މަސް އެކްސްޕޯޓު ކުރުމަށް ނަގަނީ ވަރަށް ކުޑަ އަގެއް ކަމަށެވެ.

އަލަށް ހަދާ ވެއާ ހައުސްއާ އެކު، މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް މިހާރަށް ވުރެ ލުއި ފަސޭހަ ކަމާ އެކު ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލުން އަގުތައް ކަނޑައެޅުމުގައި އެކަމަށް ބޭނުންކުރާ މުވައްޒަފުންނާއި މެޝިނަރީތަކަށް ދާ ހަރަދުތަކަށް ބަލަ އެވެ.

މިދިޔަ ދުވަސްތަކުގައި އެންސިސް އިން އެވްރެޖުކޮށް ކަންނެލި ކިލޯއެއް ގަތް އަގު

- 2015: 75 ރުފިޔާ

- 2016: 73 ރުފިޔާ

- 2017: 69 ރުފިޔާ

- 2018: 66 ރުފިޔާ

- 2019: 60 ރުފިޔާ

މި އަހަރު މިހާތަނަށް އެންސިސް އިން ކަންނެލި ކިލޯއެއް ގަންނަމުން އައީ އެވްރެޖުކޮށް 63 ރުފިޔާ އަށެވެ. ރާއްޖޭގައި ކަންނެލީގެ އަގު އެހާ ބޮޑަށް ދައްވަނީ، ޔޫރަޕުން މިހާރު ޑިއުޓީ ނަގާތީ ކަމަށް ވަސީމް ވިދާޅުވި އެވެ. ޑިއުޓީ އަށް ކިލޯއަކުން ގާތްގަނޑަކަށް ހަތަރު ޑޮލަރު ނަގާ ކަމަށާއި އެއީ މަސްވެރިންގެ އަތުން މަދުވެގެންދާ އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.

" އަޅުގަނޑުމެންނަށް އެކަން [ޑިއުޓީ ކުޑަ ކުރުން] ނުވެ ދަނީ ސަރުކާރުތަކުން އެކަމަށް ވާ ވަރަށް މަސައްކަތް ނުކުރައްވާތީ. އަޅުގަނޑުމެން އަމިއްލަ އަށް ވެސް ސަރުކާރާ އެއްކޮށް އެކަމުގައި މަސައްކަތް ކުރިން،"

ބޮޑު ކަންނެލި ރޯ މަހުގެ ގޮތުގައި ވިއްކަނީ، އޭގެ ސައިޒު ވަކި ވަރަކަށް ބޮޑުވެ، މަހުގެ ކޮލިޓީ ވަކި ވަރެއްގައި ހުރުމުންނެވެ. ކޮލިޓީ ދަށްވެއްޖެ ނަމަ ކަންނެލި ވިއްކަން ޖެހެނީ، ފިނިކުރި މަހުގެ ގޮތުގަ އެވެ. އެންސިސް އިން ބުނީ، މަސް ފިނިކޮށްގެން ވިއްކުމުން، އެ ކުންފުންޏަށް ގެއްލުންވާ ކަމަށެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަދައްކަވަނީ. --ފޮޓޯ: އަހުމަދު އަވްޝަން އިލިޔާސް/ މިހާރު

"ކަންނެއްޔަކީ ހަމައެކަނި ރާއްޖެ އިން އެކްސްޕޯޓު ކުރާ އެއްޗެއް ނޫން. ސިލޯނުން، ފިލިޕީންސުން، އޮމާނުން ވެސް (ހުރިހާ ތަނަކުން) އެކްސްޕޯޓު ކުރާ އެއްޗެއް. މީގެ ތެރެއިން ވަރަށް ގިނަ ގައުމުތަކަކީ ޑިއުޓީ ފްރީ ގައުމުތައް. އެހެން ނޫނީ، ކޮންމެވެސް ޓްރޭޑް ބެނެފިޓްތަކެއް ކުރާ ބައެއް. އަޅުގަނޑުމެންނަކަށް ނޯވޭ އެފަދަ އެއްވެސް ބެނެފިޓެއް،" އޭނާ ވިދާޅުވި އެވެ.

ވަސީމު ވިދާޅުވީ، ޔޫރަޕްގެ ގައުމުތަކުން ނަގާ ޑިއުޓީ ކުޑަ ކުރުމަށް މަސައްކަތް ކޮށްފި ނަމަ އެކަން ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ޔޫރަޕުން ޑިއުޓީ ނަގަނީ ދީނީ މިނިވަންކަން ނެތުމުންނޭ ކިޔާ ދައްކާ ވާހަކަތަކަކީ ގަބޫލު ކުރެވޭ ވާހަކަތަކެއް ނޫން ކަމަށެވެ. އެކަން ކުރަން ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެކަން (ޑިއުޓީ ކުޑަކުރުން) ނުވެދަނީ ސަރުކާރުތަކުން އެކަމަށް ވާ ވަރަށް މަސައްކަތް ނުކުރައްވާތީ. އަޅުގަނޑުމެން އަމިއްލައަށް ވެސް ސަރުކާރާ އެއްކޮށް އެކަމުގައި މަސައްކަތް ކުރިން."