އަގު ހެޔޮ އިލެކްޓްރިކް ކާރެއް

ގޮނޑަށް އެއްލައިލަން ވެފައި އޮތް ކާރެއް ނޫނީ ހައެއްކަ ހާސް ޑޮލަރަށް ލިބިދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އެކަމަކު ފްރާންސްގެ ކާރު ކުންފުނި ސިޓްރޯއީން ބާޒާރަށް ނެރެފައިވާ "އަމީ" ކިޔާ މި ބްރޭންޑްގެ ކާރުގެ އަގަކީ 6،000 ޔޫރޯ ނުވަތަ 6،600 ޑޮލަރު (102,366ރ.) އެވެ.


ބޭރުން ފެންނަ ފެނުމަށް ބަލާފައި ބައެއް މީޑިއާތަކުން "އަމީ" ސިފަކޮށްފައި ވަނީ ދޮންނަމެޝިނެއްގެ ގޮތުގަ އެވެ. ނަމަވެސް ދެ ސީޓްގެ މި ކާރަކީ ދެމަފިރިއަކަށް ނުވަތަ ކުޑަކުޑަ އާއިލާއަކަށް ފުދޭނެ ކާރެއް ކަމަށް ސިޓްރޯއީން ގަބޫލުކުރެ އެވެ. އާންމުކޮށް ބާޒާރުން ލިބެން ހުރި ޒަމާނީ މޮޑެލްތަކުގެ ކާރުހާ ބާރު ސްޕީޑްގައި މި ކާރު ނުދުއްވުނަސް އެއީ މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމެއް ނެތެވެ. މި ކާރުގެ ހާއްސަ ކަމަކީ ވެސް ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އެއްޗަކަށްވުމެވެ.

އެއްގަމު އުޅަނދުފަހަރު އުފެއްދުމުގައި 101 އަހަރުގެ ތާރީހެއް އޮތް ސިޓްރޯއީން ބުނިގޮތުގައި "އަމީ" އަކީ ގަޑިއަކު 45 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކޮށްލެވޭ އެއްޗެކެވެ.

މީގައި ހަ ކިލޯވޮޓް ނުވަތަ އަށް ހޯސްޕަވަރު ހުންނާނެ އެވެ. އަދި ބެޓެރި ތިން ގަޑިއިރުގެ ތެރޭގައި ފުލްކޮށް ޗާޖްކޮށްލެވޭނެ އެވެ. މި ކާރަށް ހާއްސަ މޮބައިލް އެޕް މެދުވެރިކޮށް، އާންމުކޮށް އެހެން ކާރުގެ ޑޭޝްބޯޑުން ވެސް ބަލައިލެވެން ހުންނަ ހުރިހާ މައުލޫމާތެއް ފޯނު ޑޭޝްބޯޑް މަތީގައި ބަހައްޓާލައިގެން ބަލައިލެވޭނެ އެވެ.