މިދިޔަ މަހުގެ އިމްޕޯޓް އިތުރު، އެކްސްޕޯޓް ބޮޑުތަނުން ދަށަށް

މިދިޔަ ފެބްރުއަރީ މަހުގެ އިމްޕޯޓް 11 ޕަސެންޓަށް އިތުރުވި އިރު އެކްސްޕޯޓު ކުރި ވަރު 26 ޕަސެންޓަށް ދަށްވެއްޖެ އެވެ.


ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާތު ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެ އެތެރެކޮށްފަ އެވެ. މިދިޔަ މަހުގެ އިމްޕޯޓް-އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ 19 ޕަސެންޓް އިތުރުވެފަ އެވެ. އާމްދަނީގެ ގޮތުގައި 299 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.

އެންމެ ގިނައިން ރާއްޖެ އަށް އެތެރެކުރީ މެޝިނަރީގެ ބާވަތްތަކެވެ. އެގޮތުން ގާތްގަނޑަކަށް 661 މިލިއަން ރުފިޔާގެ މުދަލަކީ މެޝިނަރީ އާއި އިލެކްޓްރިކް ސާމާނެވެ. ދެވަނަ އަށް އެންމެ ގިނައިން އެތެރެ ކުރީ ތެލެވެ. ގާތްގަނޑަކަށް 640 މިލިއަން ރުފިޔާ ތެލަށް ހޭދަކޮށްފައިވެ އެވެ. އަދި ކާބޯތަކެއްޗަށް 613 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އެންމެ ގިނަ އަދަދެއްގެ މުދާ އެތެރެކުރީ ޗައިނާއިންނެވެ. ދެވަނަ އަށް އޮމާން ހިމެނޭ އިރު ތިން ވަނައަށް އެންމެ ގިނަ މުދާ އެތެރެ ކުރީ އިންޑިޔާއިންނެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓު ކުރީ 394 މިލިއަން ރުފިޔާގެ މުދަލެވެ. އެހެން ނަމަވެސް މިދިޔަ ޖެނުއަރީ މަހު 420 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެ އެވެ. މުޅި ރާއްޖޭގެ އެކްސްޕޯޓުގެ 42 ޕަސެންޓަކީ ފިނިކުރި ކަޅުބިލަ މަހެވެ. އެގޮތުން މިދިޔަ މަހު 85 މިލިއަން ރުފިޔާގެ ފިނިކުރި ކަޅުބިލަ މަސް ބޭރުކޮށްފައިވެ އެވެ.

އެންމެ ގިނަ އަދަދަކަށް ތަކެތި އެކްސްޕޯޓު ކުރީ ތައިލެންޑަށެވެ. ދެވަނައަށް އެންމެ ގިނަ ބާވަތްތައް އެކްސްޕޯޓު ކުރީ ފްރާންސަށް ކަމަށްވާ އިރު ތިން ވަނަ އަށް ރާއްޖެ އިން އެންމެ ގިނައިން ކްސްޕޯޓު ކުރާ ގައުމަކީ ޖަރުމަނެވެ.

މުޅި ދުނިޔެ އަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވި ނަމަވެސް، އެއްވެސް ދަތިކަމެއް ނެތި ތަކެތި ގެނެވޭނެ ކަމުގެ ޔަގީންކަން، ރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރާ ވިޔަފާރިވެރިން ވަނީ ދީފަ އެވެ.