އުދުހޭ ކާރު އުފައްދާ ނެދަލެންޑްސްގެ ކުންފުނި އިންޑިއާ އަށް

އުދުހޭ ކާރު އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަ ނެދަލެންޑްސްގެ ކުންފުނި ޕީއޭއެލް-ވީގެ ފެކްޓްރީއެއް އިންޑިއާގައި ހަދަން ނިންމައި، މި މަޝްރޫއުގެ އެމްއޯޔޫގައި ހޯމަ ދުވަހު ސޮއިކޮށްފި އެވެ.


ޕީއޭއެލް-ވީ (ޕާނަސަލް އެއާލޭންށް ވެހިކަލް) އިންޑިއާގެ ގުޖުރާތުގައި ހަދާ ފެކްޓްރީގެ އެއްބަސްވުމުގައި އެ ސްޓޭޓްގެ ފަރާތުން ސޮއިކުރެއްވީ ޕްރިންސިލަޕް ސެކްރެޓަރީ އެމްކޭ ދާސް އެވެ. ޕީއޭއެލް-ވީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކުންފުނީގެ އިންޓަނެޝަނަލް ބިޒްނެސް ޑިވެލޮޕްމަންޓް ޑިވިޝަންގެ ވައިސް ޕްރެޒިޑެންޓް ކާލޯ މާޒްބޮމެލެވެ.

ދެހާސް އެއް ވަނަ އަހަރު އުފެއްދި ޕީއޭއެލް-ވީން ބުނީ އަމާޒަކީ، އުދުހޭ ކާރު ގުޖުރާތުގައި ހަދާ ފެކްޓްރީގައި އަންނަ އަހަރު އުފެއްދުމުގެ މަސައްކަތް ފަށައި، އެ ގައުމުން އެ ބާވަތުގެ އުޅަނދުފަހަރު އެހެން ހިސާބުތަކަށް އެކްސްޕޯޓްކުރުން ކަމަށެވެ.

ކާލޯ ވިދާޅުވި ގޮތުގައި ގުޖުރާތުގައި ހަދާ ފެކްޓްރީ ވާނީ ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ތަނަކަށެވެ. އަދި މިކަމުގެ ސަބަބުން އެތައް ބަޔަކަށް އިންޑިއާ އިން ވަޒީފާގެ ފުރުސަތު ވެސް ހުޅުވި، އިގުތިސާދީ ގޮތުން ކުރިއެރުންތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.

"އަހަރެމެން ވަރަށް އުފާކުރަން މި ފުރުސަތު ގުޖުރާތު ސްޓޭޓް ސަރުކާރުން ފަހިކޮށް ދިނީތީ،" އޭނާ ވިދާޅުވި އެވެ.

އެމްކޭ ދާސް ވިދާޅުވީ ގުޖުރާތުން އޮތީ ޕީއޭއެލް-ވީ އަށް ދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭން ތައްޔާރަށް ކަަމަށެވެ. އެގޮތުން ފެކްޓްރީ ބިނާކުރާ އިރު އެކަމަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ލޮޖިސްޓިކް މަސައްކަތްތަކަށް ކޮމާޝަލް ޕޯޓްތައް ބޭނުންކުރުމުގެ ފަހި ފުރުސަތުތަކެއް ހަމަޖެހިފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ޕީއޭއެލް-ވީން ބުނިގޮތުގައި އެ ކުންފުނި އުދުހޭ ކާރު އުދައްދަން ނިންމައި، އެކަން އިއުލާންކުރި ފަހުން މިހާތަނަށް 110 އޯޑަރު ލިބިފައިވެ އެވެ.

މި އުޅަނދުތަކަކީ ދެ މީހުންގެ ޖާގަ ހިމެނޭ އަދި ދެ އިންޖީނު އެކުލެވޭ އުޅަނދުތަކެވެ. އަދި އުދުހުމުގެ އިތުރަށް މަގުތަކުގައި ވެސް ދުއްވައިލ ލެވޭނެ އެވެ. އެގޮތުން ގަޑިއަކު 180 ކިލޯމީޓަރަށް އުދުހެވޭ އިރު، އެއްގަމުގައި ގަޑިއަކު 160 ކިލޯމީޓަރަށް ދުއްވައިލެވޭނެ އެވެ.

އުދުހޭ ކާރެއް އުފައްދައި ޕީއޭއެލް-ވީން އެންމެ ފުރަތަމަ ޓެސްޓްކޮށްފައި ވަނީ 2012 ގަ އެވެ.