20 މާޗް 2020
އެޕަލްގެ އުފެއްފުންތައް ފްރާންސްގައި ވިއްކާ ދެ ކުންފުންޏެއްގެ މެދުގައި ވާދަވެރިކަން ނޯންނަ ގޮތަށް އެއްބަސްވުން ހަދައި، އުފެއްދުންތަކުގެ އަގުތައް މާކެޓް ރޭޓްތަކަށް ނުފެތޭ ގޮތަށް ވިއްކި މައްސަލައެއްގައި އެޕަލް އަށް އަނެއްކާ ވެސް ފްރާންސުން ބޮޑު ޖޫރިމަނާއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މި ފަހަރު އެޕަލް ޖޫރިމަނާކުރީ 1.2 ބިލިއަން ޑޮލަރުންނެވެ. އެޕަލްގެ ކުރީގެ ފޯނުތައް ލަސްކުރުވާ މައްސަލާގައި މިދިޔަ މަހު ފްރާންސުން ވަނީ އެ ކުންފުނިން 27 މިލިއަން ޑޮލަރުން ވެސް ޖޫރިމަނާކޮށްފަ އެވެ. އަދި މި މައްސަލާގައި އެމެރިކާގެ ކެލިފޯނިއާގެ ސެން ޖޯސްގެ ޑިސްޓްރިކްޓް ކޯޓުން ވަނީ ލަސްކުރުވާ ކޮންމެ ފޯނެއްގަ ބަދަލަށް 25 ޑޮލަރު ދޭން މި މަހުގެ ކުރީކޮޅު އަމުރުކޮށްފަ އެވެ. އެކަމަށް އެޕަލް އިން 500 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމަށް އަންދާޒާކޮށްފއިވެ އެވެ.
މާކެޓް ރޭޓްގައި ވާދަވެރިކަން ނޯންނަ ގޮތަށް އެޕަލްގެ އުފެއްދުންތައް ވިއްކަން އެއްބަސްވުން ހެދި މައްސަލާގައި އެ ކުންފުނި 1.2 ބިލިއަން ޑޮލަރުން ޖޫރިމަނާކުރި އިރު މިއީ މިފަދަ މައްސަލައެއްގައި ފްރާންސްގެ ކަމާބެހޭ އިދާރާއަކުން ކުންފުންޏެއް މިހާ ބޮޑު އަދަދަކުން ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.
މި މައްސަލާގައި އެޕަލްއާ އެކު މުއާމަލާތް ހިންގާ ދެ ކުންފުނި ވެސް ޖޫރިމަނާކޮށްފައިވެ އެވެ. އެގޮތުން ޓެކް ޑޭޓާ 85 މިލިއަން ޑޮލަރުން ޖޫރިމަނާކުރި އިރު، އިންގްރާމް މައިކްރޯ ޖޫރިމަނާކުރީ 71 މިލިއަން ޑޮލަރުންނެވެ.
މި ކުންފުނިތަކުގެ މައްސަލަ ފްރާންސްގެ ކަމާބެހޭ އިދާރާތަކަށް އެޕަލްގެ އުފެއްދުންތައް ވިއްކާ ޕްރިއަމް ރިސެލާ އީބިޒްކަސް އިން ރިޕޯޓްކުރުމުން ތަހުގީގުތައް ފެށީ 2012 ގަ އެވެ.
ޖޫރިނަމާކުރި މައްސަލާގައި އެޕަލް އިން ބުނީ އެކަން ބަލައިނުގަންނަ ކަމަށާއި މައްސަލަ ވަރަށް އަވަހަށް އިސްތިއުނާފުކުރާނެ ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް