ކޮވިޑް-19: ދިރާގުން މޯބައިލް ކަސްޓަމަރުންނަށް އިތުރު ޑޭޓާ ދެނީ

ކޮވިޑް-19 ރޯގާގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމުގައި ކަސްޓަމަރުންނަށް ލުއި ދިނުމުގެ ގޮތުން ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސެއް ދޭން ނިންމައިފި އެވެ.


ދިރާގުން ބުނީ މިމަހާއި އަންނަ މަހަށް މޯބައިލް ކަސްޓަމަރުންނަށް ހާއްސަ ޑޭޓާ އެލަވަންސެއް ލިބޭނެ ކަމަށެވެ. އެގޮތުން ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ ލިބޭނެ އެވެ. މިގޮތަށް ޑޭޓާ އެލަވަންސް ދެނީ މަންތްލީ ޑޭޓާ ޕެކޭޖުތަކުންނެވެ. މީގެ އިތުރުން، ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ވޮއިސް އެޑް-އޮން ކަމަށްވާ "ވޮއިސް 15"ގެ އަގު 50 ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ.

ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ޑޭޓާ ހިމެނޭ ހުރިހާ ޕްލޭނަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނެ އެވެ. އެގޮތުން އެ ކަސްޓަމަރެއްގެ ޕްލޭނަކާ އެކަށީގެންވާ ގޮތަށް 500 އެމްބީ އާއި 10 ޖީބީ އާ ހަމައަށް އިތުރު ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ. މިމަހަށް ހާއްސަކޮށް ދޭ އިތުރު ޑޭޓާ މިހާރު ވަނީ "ކަނެކްޓް ޑޭޓާ" ގެ ނަމުގައި ކަސްޓަމަރުންނަށް ދީފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިރާގުން އަންނަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުން ވަނީ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސް ދިނުމަށް ނިންމާފަ އެވެ. މީގެ އިތުރުން ދިރާގުން އިއްޔެ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖެތަކުގެ ކަސްޓަމަރުންގެ ފިކްސްޑް ބްރޯޑްބޭންޑްގެ މަހު ފީ އިން 25 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމާފަ އެވެ.

ކޮވިޑް-19 އާ ހެދި މުޅި އިގްތިސާދަށް އަންނަ ބަދަލުތަކާ އެކު އާންމުންނަށް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށް ގިނަ ކުންފުނިތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް މި ބައްޔަށް 13 މީހަކު ރާއްޖެއިން ޕޮޒިޓިވް ވަނީ ވެފަ އެވެ.