މާޗް މަހުގެ އޯޓީ ލިބޭނެ: އަމީރު

މި މަހުގެ އިތުރުގަޑީގެ ފައިސާ ސަރުކާރުގެ ބަޖެޓުން މުސާރަ ދޭ ހުރިހާ މުވައްޒަފުން ވެސް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.


ފިނޭންސް މިނިސްޓްރީން މިގޮތަށް ނިންމާފައިވާ އިރު މުސާރަ ދިނުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށް ހާއްސަ ސާކިއުލާއެއް ވަނީ އިއްޔެ ނެރެފަ އެވެ. އޭގައި ވާ ގޮތުން މުސާރަ ޝީޓް ތައްޔާރުކުރުމުގައި އަސާސީ މުސާރަ އާއި އިނާޔަތްތައް ވަކިވަކިން އެނގެން ހުރުމާއި އިތުުރުގަޑީގެ ފައިސާ އާއި އުނިކުރާ ގަޑީލާރީގެ މައުލޫމާތުތައް މާޗު މަހުގެ މުސާރައިގެ ގޮތުގައި ނުހިމެނުމަށް އަންގާފައިވެ އެވެ. އެގޮތުން މުސާރަ އަށް ގެންނަން ޖެހޭ އުނި އިތުރުތައް މި މަހު ގެންނާނީ ފިނޭންސް މިނިސްްޓްރީން ކަމަށް ބަޔާންކޮށްފައިވެ އެވެ.

ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ހަފްތާއަކަށް ބަންދުކޮށްފައި ވަނީ ސަރުކާރު އޮފީސްތަކުން މުސާރަތައް ޕްރޮސެސް ކުރާ ހަފްތާއާ ދިމާކޮށެވެ.

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން މުސާރަ ދިނުމުގެ ގޮތްތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގައި މަޝްވަރާ ކޮށްފައި ވެ އެވެ. އެގޮތުން އިތުރުގަޑި ނުހިމަނާ ހަމައެކަނި އަސާސީ މުސާރަ އާއި އެލަވަންސްތައް ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ނަމަވެސް ފަހުން ވަނީ މާޗް މަހުގެ މުސާރައިން އެއްވެސް އެއްޗެއް އުނިނުކޮށް އިތުރު ގަޑި އާއި ދޭންޖެހޭ ހުރިހާ އެލަވަންސެއް ސަރުކާރުގެ މުވައްޒަފުންނަށް ދިނުމަށް ނިންމައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެ އެވެ. މިހާތަނަށް ރާއްޖެއިން 13 މީހަކަށް މިބަލި ވަނީ ޖެހިފަ އެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސޯދީ އަޑިގަނޑާ ގުޅިގެން ރާއްޖޭގެ ރިސޯޓުތަކާއި އަމިއްލަ ކުންފުނިތަކުން ވެސް ގެންދަނީ ލިބޭ ގެއްލުން ކުޑަ ކުރުމަށް ގިނަ ފިޔަވަޅުތައް އަޅަމުންނެވެ.

މި ހާލަތާ ކުރިމަތިލުމުގެ ގޮތުން ސަރުކާރުގެ ސިޔާސީ ހުރިހާ މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓް ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ބަޖެޓުގެ އެކި ކަންކަމަށް ކުރާ ހަރަދުތަކުން އެއް ބިލިއަން ރުފިޔާ އުނިކުރުމަށް ވެސް ނިންމާފައިވެ އެވެ.

އިގްތިސޯދަށް އަންނަ ލޮޅުމުގެ ސަބަބުން ރާއްޖެ އަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީން ގާތްގަނޑަކަށް 6.9 ބިލިއަން ރުފިޔާ މަދުވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ.