20 މާޗް 2020
އެމެރިކާގެ އެޕަލް ކުންފުނިން އަލަށް ނެރޭ އައިޕެޑްގައި ކުރިން ނެތް ހާއްސަ ޓެކްނޮލޮޖީއެއް ހިމެނޭނެ ކަމަށް ބުނެފި އެވެ.
ކޮރޯނާވައިރަހުގެ ބިރަށް، ރަސްމިއްޔާތެއް ނުބާއްވައި ޕްރޮޑަކްޓަކާ ބެހޭ މުހިއްމު މައުލޫމާތުތަކެއް ނޫސް ބަޔާނަކުން ހިއްސާކުރަމުން ޓިމް ކުކްގެ އެޕަލް އިން ބުނީ އަލަށް ނެރޭ އައިޕެޑް ޕްރޯގައި ލިޑާ ލޭޒާ ސްކޭނާ ޓެކްނޮލޮޖީ ހިމެނޭނެ ކަމަށެވެ. މި ފީޗާ އަކީ އެ ޑިވައިސްއެއް އެ ވަގުތަކު ގެންގުޅޭ ތަނެއްގައި ހުންނަ އެއްޗެހީގެ ބައްޓަމާއި އެ އެއްޗެހި ހުންނަ ތަންތަން ވެސް އަންގައިދޭނެ ފީޗާއެކެވެ. އަދި ލިޑާ ޓެކްނޮލޮޖީ އަކީ މެޝަމަންޓްތަކަށް ހާއްސަ އެޕްތަކާ ހިލާފަށް މާ ބޮޑަށް ވެސް ސައްހަ މައުލޫމާތު ފޯރުކޮށްދޭނެ އެއްޗެއް ކަމަށް އެޕަލް އިން ބުންޏެވެ.
މީހުންގެ އިސްކޮޅާއި އެއްޗެހީގެ ބޮޑުކުޑަމިން މި ޓެކްނޮލޮޖީ އަށް އެނގޭނެ އެވެ.
އެހެންވެ އެޕަލް އިން ލިޑާ ސްކޭނާ ޓެކްނޮލޮޖީ ސިފަކޮށްފައި ވަނީ އޭގައި ހުންނަ ކެމެރާގެ ގްރެފިކާއި އަސްލު އެކުވެގެން ސައްހަކަން ބޮޑު މައުލޫމާތު ފޯރުކޮށްދޭނެ އެއްޗެއްގެ ގޮތުގަ އެވެ.
މި ޓެކްނޮލޮޖީއާ އެކު އަންނަ ހަފުތާފައި ބާޒާރަށް ނެރޭ އައިޕެޑް ޕްރޯގެ ދެ ވާޝަނެއް ހިމެނެ އެވެ. އެއީ 11 އިންޗީގެ އެއްޗަކާއި 12.9 އިންޗީގެ އެއްޗެކެވެ. މީގެ އަގުތައް ފެށެނީ 799-999 ޑޮލަރުން ކަމަށް ވެސް އެޕަލުން ބުންޏެވެ. އައިޕެޑް ޕްރޯއާ އެކު ވަކިން އޮންނަ މެޖިކް ކީބޯޑްތަކެއް ވެސް ވިއްކަ އެވެ. އެގޮތުން ދެ ވާޝަނަށް ވަކިން ދެ ކީބޯޑެއް ހާއްސަކޮށްފައިވާ އިރު އަގުތައް އުޅެނީ 299-349 ޑޮލަރަށެވެ.
އެޕަލްގެ މި އުފެއްދުމާ ބެހޭ ގޮތުން ސީސީއެސް އިންސައިޓްގެ ބެން ވުޑް ބުނިގޮތުގައި ލިޑާ ސްކޭނާ ހިމެނޭ އައިޕެޑް ޕްރޯ އަކީ މިހާތަނަށް ޓެބްލެޓަކުން ފެންނާނެ އެންމެ އެޑްވާންސް ކެމެރާ އިންނާނެ އުފެއްދުމެވެ.
"އެހެންވެ އައުގްމެންޓެޑް ރިއަލިޓީ [ވީއާރް] އަށް ކޮންޒިއުމަރުން ކުރިއަށް އޮތް ތަނުގައި މާ ބޮޑަށް ވެސް އަހުލުވެރިކޮށްދޭނެ އުފެއްދުމެއް." އޭނާ ބުންޏެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް