އިތުރު ކުންފުނިތަކަކުން ސްޓްރީމިން ކޮލިޓީ ދަށްކޮށްފި

އިންޓަނެޓަށް ލޯޑްބޮޑުވާތީ، ހިދުމަތްދޭ ކުންފުނިތަކުން ޕިކްޗާ ކޮލިޓީ ދަށްކުރަން ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން އެދުމާ ގުޅިގެން އިތުރު ކުންފުނިތަކަކުން މިކަމަށް ފިޔަވަޅުތަކެއް އަޅައިފި އެވެ.


މަތީ ރިޒޮލިއުޝަންތަކުގައި ހިދުމަތް ދެމުން އަންނަ ކުންފުނިތަކުގެ ތެރެއިން އެންމެ ފުރަތަމަ ޕިކްޗާ ކޮލިޓީ ދަށްކުރީ ސްޓްރީމިންގެ ވިޔަފާރީގެ އެންމެ ކުރީގައި އުޅޭ ނެޓްފްލިކްސް އިންނެވެ. ކޮރޯނާވައިރަހާ ގުޅިގެން ސިނަމާ ފަދަ ތަންތަން ވެސް ބަންދުކޮށް، ގައުމުތަކުގެ ރައްޔިތުން މިހާރު ހުރިހާ ވަގުތެއް ގޭގައި ހޭދަކުރަން ޖެހިފައިވާތީ މުނިފޫހި ފިލުވަން ސްޓްރީމިންގެ ހިދުމަތް ބޭނުންކުރާ މިންވަރު ބޮޑުތަނުން އުފުލި، އިންޓަނެޓްގެ ސްޕީޑަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް އީޔޫން ބުންޏެވެ.

އެހެންވެ ޔޫރަޕްގެ ގައުމުތަކަށް ހިދުމަތް ދިނުމުގައި ކޮލިޓީ ދަށްކުރަން އެންގުމާ ގުޅިގެން ނެޓްފްލިކްސްގެ ފަހަތުން މިކަމަށް އިޖާބަ ދިން އިތުރު ކުންފުނިތަކަކީ އެމެޒޯން ޕްރައިމް ވީޑިއޯ އާއި ޔޫޓިއުބާއި އެޕަލް ޓީވީ+ އާއި ޑިޒްނީ + އާއި ފޭސްބުކެވެ.

ފޭސްބުކުން އެޅި ފިޔަވަޅާ އެކު އިންސްޓަގްރާމުން ވެސް ބަދަލުތަކެއް ފެންނާނެ އެވެ.

މި ދުވަސްކޮޅު ވަރަށް ގިނަ ބަޔަކު އިންޓަނެޓް ބޭނުން އާދަޔާހިލާފަށް ގިނައިން ބޭނުންކުރާތީ އެޗްޑީ އާއި 4ކޭ އަލްޓްރާ އެޗްޑީ ފަދަ ކޮލިޓީގައި ހިދުމަތް ދޭ ނަމަ ވީޑިއޯ ބައިރޭޓަށް ހޭދަވާ ޑޭޓާ އެތައް ތަނުން އުފުލިގެންދާނެ ކަމަށް އީޔޫން ބުންޏެވެ. މީގެ ސަބަބުން އިންޓަނެޓް ހުރިހާ އެންމެންނަށް އެއް ހަމައެއްގައި ލިބުމުގައި ދަތިތަކެއް ދިމާވާނެ އެވެ.