ދިރާގުން ބުނީ "ބޯޑަށް ނުބަލާ ގޭގައި މަޑުކޮށްލާށޭ"

ކޮވިޑް-19 އާ ގުޅިގެން އާންމުން ދިރިއުޅޭ ތަންތަނަށް އެއްވެ ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރަމުން އަންނަ އިރު އެކަމަށް އަޅާނުލާ މިހާރު ވެސް މަގުތަކަށް ކޮންމެވެސް ވަރަކަށް މީހުން ނުކުމެ އުޅެ އެވެ. ގޯޅިތަކުގެ ކަންމަތީގައި މަޑުކޮށްލައިގެން ތިބޭ ޒުވާނުންނާއި ސައިކަލްތަކުގައި ބުރު ޖަހަން ދުއްވާ މީހުންނެވެ.


ފަސޭހައިން އެކަކު އަނެކަކުގެ ގަޔަށް އަރާ ކޮރޯނާވައިރަހުން ރައްކާތެރިވެ، ސަލާމަތް ވުމަށްޓަކައި ކޮންމެ ބަޔަކު ވެސް ފަރުދީ ޒިންމާ އަދާކުރަން ސިއްހީ އިދާރާތަކުން އަންނަނީ ގޮވާލަމުންނެވެ.

ދިރާގު ބިލްބޯޑެއްގައި ކޮވިޑް-19 އާ ގުޅިގެން އަރުވާ މެސެޖު--ފޮޓޯ: ދިރާގު

މި ދަނޑިވަޅުގައި އާންމުންނަށް މުހިއްމު މެސެޖުތައް ފޯރުކޮށްދިނުމުގައި ދިރާގުން ތަފާތު ދައްކާލައިފި އެވެ. މީގެ ކުރިން މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުގައި ހުންނަ ބިލްބޯޑުތަކުން ފެންނާނީ ދިރާގު ފަދަ ކުންފުނިތަކުގެ އިޝްތިހާރުތަކެވެ. ނަމަވެސް މި ހާލަތުގައި ކުންފުނީގެ އުފެއްދުންތަކާއި ހިދުމަތްތައް އިޝްތިހާރު ކުރުމުގެ ބަދަލުގައި ކޮންމެ ބިލް ބޯޑަކުން ވެސް ދެނީ ވަރުގަދަ މެސެޖެކެވެ.

މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައި ހުރި ދިރާގުގެ ބިލް ބޯޓުތަކުން ދޭ މެސެޖަކީ "މި ބޯޑަށް ނުބަލާ، ގޭގައި މަޑުކޮށްލާ!" މިހެންނެވެ.

މި މެސެޖާ އެކު ކޮންމެ މީހަކަށް ވެސް ވިސްނޭނީ މިވަގުތު ގޭގައި މަޑުކޮށްލައިގެން ތިބުމުގެ މުހިންމުކަމެވެ. ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ނުކުންނަ ކޮންމެ މީހަކަށް ވެސް، އެ މެސެޖު ފެނުމުން އުނދަގޫވެ، މިކުރެވުނީ ރަނގަޅު ކަމެއް ނޫން ކަން ވެސް އިހްސާސްވެދާނެ އެވެ. މެސެޖް ކުރެވެ. އެކަމަކު މިއީ ބޭރުތެރޭ ނޫޅެ، ގޭގައި ތިބެން ހިތްވަރު ލިބޭނެ މެސެޖެކެވެ.

ދިރާގު ބިލްބޯޑެއްގައި ކޮވިޑް-19 އާ ގުޅިގެން އަރުވާ މެސެޖު--ފޮޓޯ: ދިރާގު

ދިރާގުގެ އުފެއްދުންތެރި މާކެޓިން ޓީމުން މި ދަނޑިވަޅުގައި ބޭނުންވީ އެމީހުންގެ މާކެޓިން އުކުޅުގެ ޒަރިއްޔާއިން އާންމުން ބޮޑަށް ހޭލުންތެރިކުރާށެވެ. އެ މެސެޖު ފެނުނު އާންމު ބައެއް މީހުންނަށް އެކަން ވަރަށް ކަމުދެ އެވެ. ސޯޝަލް މީޑިޔާގައި ވެސް އެކަމަށް ތައުރީފުކޮށްފައި އެބަ ހުއްޓެވެ.

އިންޑިޔާގެ މާކެޓިން ކުންފުންޏެއް ކަމަށްވާ މޭޑް އޯވާ މާކެޓިން އިން ޓްވިޓާގައި ބުނި ގޮތުގައި އާންމުން ބޭރަށް ނުކުމެ ނޫޅޭ ދަނޑިވަޅެއްގައި ބިލްބޯޑުތަކުގެ ބޭނުން ކެނޑޭނެ އެވެ. އަދި މި ހާލަތުގައި ހޭލުންތެރިކުރުވުމުގެ މެސެޖްތައް ލުމުން ވާނީ ކިހިނެއްތޯ ސުވާލުކުރި އެވެ. އަދި "ބޯޑަށް ނުބަލާ، ގެއަށް ދާށޭ" ޖަހައިފިއްޔާ ވާނެ ގޮތް ހިޔާލަށް ގެނެސް ބަލާށޭ ވެސް ލިއުނެވެ.

އެ ޓްވީޓާ ގުޅިގެން ދިވެއްސަކު ވަނީ ދިރާގުގެ ބިލްބޯޑުގެ ފޮޓޯއެއް ލައި އެ ކުންފުނީގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ.

ދިރާގުން ބުނީ މޭޑް އޯވާ މާކެޓިން ކުންފުނިން މިގޮތަށް ޓްވީޓް ކުރުމުގެ ކުރިން އެ ކުންފުނީގެ މާކެޓިން ޓީމުން ބިލްބޯޑުތަކުގައި އެ މެސެޖުތައް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

ދިރާގުން ފާރުތަކުގައި ހިއްޕާފައިވާ ފޯސްޓަރެއް ފޮޓޯ: ދިރާގު

ތިން ބިލްބޯޑުގެ އިތުރުން ދިރާގުން އިޝްތިހާރު ކުރަން ކުރިން ބޭނުންކުރި 36 ފާރުގައި މިހާރު ބޭނުންކުރަނީ ކޮވިޑް-19 އަށް ހޭލުންތެރިކުރަން ތިން ބަހަކުން ހަދާފައިވާ ޕޯސްޓަރުތަކެވެ. ދިވެެއްސާއި އިނގިރޭސީގެ އިތުރުން ދެން ބޭނުންކުރަނީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް އުޅޭ ބަންގްލަދޭޝް މީހުންނަށް ހާއްސަކޮށް ބެންގޯލީ ބަހެވެ.