ފެނުގެ ދުވަހާ ގުޅިގެން އެމްޑަބްލިޔުއެސްސީން ހާއްސަ ވީޑިއޯއެއް ނެރެފި

ފެނުގެ ދުވަހާ ގުޅިގެން އެމްޑަބްލިއުއެސްސީން ހާއްސަ ވީޑިއޯއެއް އާންމުކޮށްފި އެވެ.


ދުނިޔޭގެ ފެނުގެ ދުވަހަކީ މާޗް 22 ވަނަ ދުވަހެވެ. ދެ މިނެޓްގެ މި ވީޑިއޯއިން ފެން އިސްރާފު ނުކުރުމަށް ހިތްވަރު ދިނުމުގެ އިތުރުން މި ދުވަސްވަރު މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލި މަޑުކަމުން ސަލާމަތްވުމަށް ޓަކައި ކުރަން ޖެހޭ ކަންކަން ކިޔައިދީފައިވެ އެވެ.

ވީޑިއޯ އެންމެ ފުރަތަމަ ފަށާ އިރު ޖަހާފައި ވަނީ "އުފެއްދީ ގައިދުރު ކަމަށް ސަމާލުކަންދީގެން" މިހެންނެވެ.

މި ވީޑިއޯގައި އަތް ދޮވުމަށާއި އެންމެ މަދުވެގެން 20 ސިކުންތު ވަންދެން އަތްތިލައިގެ ހުރިހާ ހިސާބެއް ސައިބޯނި ލައިގެން ރަނގަޅަށް ދޮންނަން އެދެ އެވެ. ސައިބޯނި އަތުގައި އުނގުޅާ ވަގުތުގައި އިސްކުރު ބާރުކޮށްފައި ބެހެއްޓުމަށް ވެސް ވީޑިއޯގައި ހަނދާންކޮށްދެ އެވެ.

މީގެ އިތުރުން ކޮފީތަކާއި ސައިތަކަށް ބޭރަށް ނުދިއުމަށް ވެސް މި ވީޑިއޯއިން ބާރު އަޅަ އެވެ. މި ވީޑިއޯ އެންމެ ހާއްސަވާ އެއް ސަބަބަކީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ބައިވެރިވުމެވެ. މީގެ އިތުރުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވެސް މި ވީޑިއޯގައި ފެނެ އެވެ.

އެމްޑަބްލިއުއެސްސީގެ ޓްވީޓް

ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ބައިވެރިވެގެން ތައްޔާރުކޮށްފައިވާ މި ވީޑިއޯގައި އަތް ދޮވުމަށް ފަހު ޓިޝޫއިން އަތް ފޮހުމަށާއި ބޭނުން ކުރާ ޓިޝޫ އާއި މާސް ބޭނުން ކުރުމަށް ފަހު ރައްކާތެރި ގޮތުގައި ނައްތާލުމުގެ އިތުރުން ކިހިބި އެޅުމުގައި އަމަލު ކުރާގެ ގޮތްތަކާއި މޫނުގައި އާދަކޮށް އަތް ނުލުމަށް އިލްތިމާސްކޮށްފައިވެ އެވެ.

މީގެ އިތުރުން އަތް ދޮވެވެން ނެތް ނަމަ ސެނިޓައިޒާ ބޭނުން ކޮށްގެން އަތް ސާފު ކުރުމަށް ވެސް އެދިފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން 13 މީހަކު ޕޮޒިޓިވް ވެފައިވާ ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މި ބަލިން ރައްކާތެރިވުމަށް ޓަކައި އާންމުން ހޭލުންތެރި ކުރުމަށްޓަކައި ކުންފުނިތަކާއި ބައެއް ވިޔަފާރިވެރިތަކުން ތަފާތު އެކި ފިޔަވަޅުތައް އަޅައި ހޭލުންތެރިކުރުމުގެ ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.