އިންޖީނުތަކަށް ފައިސާ ދެއްކުމުގައި އެމްޓީސީސީން ލުޔެއް ދީފި

ކޮވިޑް-19 އާ ގުޅިގެން އާންމުންނަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި މަސްވެރިންނާއި އޮޑިވެރިން ނަގާފައިވާ އިންޖީނަށް ފައިސާދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް އެމްޓީސީސީން ހަމަޖައްސައިފި އެވެ.


އެމްޓީސީސީން ބުނީ، އެ ކުންފުނިން ވިއްކާ ޔަންމާ އާއި ސުޒުކީ އިންޖީނުތައް ދިގު މުއްދަތަކަށް ފައިސާ ދައްކާ ހަލާސް ކުރާ އުސޫލުން ނަގާފައިވާ ކަސްޓަމަރުންނަށް މި މަހުގެ 19 އިން ފެށިގެން ތިން މަސް ދުވަހުގެ ނިޔަލަށް ފައިސާ ނުދައްކާ މަޑުޖައްސާލެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.

މި މުއްދަތުގައި އަރާ ފައިނޭޝަނަލް ކޯސްޓް ނުވަތަ އިންޓަރެސްޓް ވެސް މާފްކޮށްދޭން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މި ބަދަލާ އެކު އިސްލާހު ކޮށްފައިވާ ޕޭމެންޓް ޝެޑިއުލް ކޮންމެ ކަސްޓަމަރަކަށް ވެސް ހިއްސާ ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެމްޓީސީސީން ވަނީ އަޅައިފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި ވަނީ އެ ކުންފުނީގެ ފެރީތައް ޑިސްއިންފެކްޓްކޮށްފަ އެވެ.

މި ބައްޔަށް ރާއްޖެ އިން 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފަ އެވެ.