އެސްޓީއޯ ޝިޕިންގެ ފުރަތަމަ ބޯޓު އަންނަ ހަފްތާގައި ރާއްޖެއަށް

އެސްޓީއޯގެ ޝިޕިން ލައިންގެ ފުރަތަމަ ބޯޓު އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު މިއަދު އިއުލާންކުރައްވައިފި އެވެ.


ދަރުބާރުގާއި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އެ ޚަބަރު ދެއްވުމާ އެކު އެސްޓީއޯ އިން ވަނީ އެ ކުންފުނީގެ ދަށުން ހިންގާ ކުންފުނިތަކުގެ ތެރެއަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެމްއެސް) އިތުރުވިކަން ވެސް ހާމަކޮށްފަ އެވެ.

އެސްޓީއޯ ޓްވީޓް

ރައީސްގެ ވާހަކަފުޅެކޭ އެއްގޮތަށް އެސްޓީއޯ އިން ވެސް ބުނީ ރާއްޖޭގެ އެތެރޭގެ ޝިޕިން އިންޑަސްޓްރީ އަލުން ދިރުވުމުގެ ގޮތުން ގެންނަ ފުރަތަމަ ކޮންޓެއިނާ ބޯޓު އަންނަ ހަފުތާގައި ރާއްޖެ ބަނދަރުކުރާނެ ކަމަށެވެ.

މި ބޯޓުގެ ފުރަތަމަ ދަތުރުތައް އޮންނާނީ ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދުގަ އެވެ.

އާ ޝިޕިން ލައިންގެ ފެށުމާ ގުޅޭ ގޮތުން މީގެ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަކީ ގިނަ އަދަދެއްގެ މުދާ އިމްޕޯޓު ކުރާ ގައުމަކަށް ވުމުން ޝިޕިން ލައިނެއް އޮތުން މުހިންމު ކަމަށެވެ.

އެސްޓީއޯ އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ކާޑުގެ ބާވަތްތަކާއި މުދާ އެތެރެކުރާ ކުންފުންޏެވެ. އެހެންކަމުން އާ ޝިޕިން ލައިނާ އެކު ރާއްޖެއަށް މުދާ ގެންނަން މިހާރަށް ވުރެ ފަސޭހވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރާއްޖެ އަކީ 1960ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 1980ގެ އަހަރުތަކުގެ ކުރީކޮޅާ ޖެހެންދެން، ވަރަށް ފުޅާކޮށް ޝިޕިން ލައިނެއް ހިންގި ގައުމެކެވެ. ނަމަވެސް ޝިޕިންގެ ދާއިރާގައި ގެންގުޅޭ ބޯޓުފަހަރަށް ބޮޑު ބަދަލެއް އައިސް، ކޮންޓޭނަރު އުފުލުން އާންމުވުމާ އެކު، އެ ތަރައްގީއާ އެއްވަރަށް އިންވެސްޓްކުރެވޭނެ ގޮތެއް ނެތިގެން އޭރުގެ ގައުމީ ޝިޕިން ލައިން އަޑިއަށް ދިޔައީ އެވެ.