ކޮވިޑް-19: އަންނަ ހަފުތާގައި ބޭންކުތައް ހުޅުވާނީ ހޯމަ، ބުރާސްފަތި ދުވަހު

ކޮވިޑް-19 އާ ގުޅިގެން، ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ސަރުކާރުގެ އޮފީސްތައް ހުޅުވުން އިތުރު އެއް ހަފުތާ އަށް ދިގު ދެންމުމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތައް އަންނަ ހަފުތާގައި ހުޅުވާނީ ހޯމަ އާއި ބުރާސްފަތި ދުވަހު ކަމަަށް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.


ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ގިނަ ބަޔަކު އެއް ތަނަކަށް އެއްވުން މަދުކުރުން ކަމަށް ވާއިރު، އެމްއެމްއޭ އާއި ބޭންކުތައް ވެސް މި ހަފުތާގެ އިތުރުން އަންނަ ހަފުތާގައި ވެސް ބަންދުކުރަނީ އެ ކަމަށް އެއްބާރުލުން ދިނުމަށެވެ.

މަރުކަޒީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ވާ ގޮތުން، އަންނަ ހަފުތާގެ ހޯމަ އާއި ބުރާސްފަތި ދުވަހު އެ ތަނުންނާއި ބޭންކުތަކުން ޚިދުމަތް ދޭނީ ހެނދުނު 9:30 ން 11:30 އަށެވެ. އެމްއެމްއޭ އަށް އެ ދެ ދުވަހު ވަކިލާރި ބަލައިގަނެ، ދޫކުރުމުގެ ޚިދުމަތްތައް ދޭނީ ހެނދުނު 9:30 އިން 11:00 އަށެވެ. އަދި ޖެމްސް ބޭނުން ނުކުރާ އިދާރާތަކާއި އާންމުން އެމްއެމްއޭ އަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށެވެ. އެމްއެމްއޭ އަށް ލިޔެކިޔުންތައް ފޮނުވުމަށް ހަމަޖެހިފައިވާ މެއިލް އަކީ inward.docs@mma.gov.mv އެވެ.

ކޮވިޑް ބަލިން ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް މިހާރު އަޅައިފަ އެވެ.

ޚާއްސަކޮށް ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅައިފަ އެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ކިޔަވައިދޭ އެހެނިގެން ތަންތަނާއި ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމާއި ރިސޯޓުތަކަށް މީހުން އަރައި ފޭބުމާއި ގެސްޓް ހައުސްތަކަށް މީހުން ގެނައުން މަނާކުރުން ހިމެނެ އެވެ. މީގެ އިތުރުން މާދަމާ އިން ފެށިގެން އޮން އެރައިވަލް ވިސާގައި އަންނަ އެއްވެސް ބަޔަކަށް ރާއްޖެ އެތެރެ ނުވެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ.