ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ 10 ޖީބީ

ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑު ބޭނުން ކުރާ ކަސްޓަމަރުންނަށް އިތުރު 10 ޖީބީ ހިލޭ ދޭން ނިންމައިފި އެވެ.


ދިރާގުން މިގޮތަށް ނިންމައިފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމަށް ލުއި ގޮތެއް ހޯދައިދިނުމަށެވެ. ދިރާގުން ބުނީ މި ދަނޑިވަޅު ގޭގައި ތިބެގެން އެކި ކަންކަމަށް އިންޓަނެޓް ބޭނުން ކުރާ ވަރު އިތުރުކަން ފާހަގަކުރެވޭ ކަމަށެވެ.

"މިއީ ކޮވިޑް-19އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން ވަރަށް މުހިންމު ވެފައިވާތީ، ގޭގައި ތިބެގެން ކިޔެވުމަށާއި މަސައްކަތް ކުރުމަށް އަދި އާއިލާއާ އެކު މުނިފޫހިފިލުވުމަށް އިންޓަނެޓް ބޭނުންކުރުމަށް އިތުރު ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެއް،" ދިރާގުން ބުންޏެވެ.

ދިރާގުން 10 ޖީބީ ހިލޭ ދޭކަމަށް ބުނެ ކޮށްފައިވާ ޓްވީޓު--

މި އިންޓަނެޓް ބޫސްޓަރު ދޭން ނިންމައިފައި ވަނީ ދެ މަހުގެ މުއްދަތަކަށެވެ. އެގޮތުން، މި މަހާއި އޭޕްރިލް މަހު އިތުރު 10 ޖީބީ ބޭނުންވާ މީހުންނަށް ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ޔޫސެޖް ޕޯޓަލް https://portal.dhivehinet.net.mv/home އިން ބޫސްޓު ކުރެވޭނެ އެވެ. މި ޕޯޓަލް ބޭނުން ކޮށްގެން ޑާޓާ ހޭދަވާ މިންވަރު ވެސް ބަލާލެވޭނެ އެވެ.

ކޮވިޑް19 އާ ގުޅިގެން ދިރާގުން ވަނީ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ މި މަސްތެރޭގައި ވެސް ދީފަ އެވެ. އަދި މި އަންނަ މަހުގައި ވެސް ދޭން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮންތަކަކުން 50 ޕަސެންޓް ޑިސްކައުންޓާއި ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހު ފީން 25 ޕަސެންޓް ޑިސްކައުންޓު ދޭން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ވެސް، ދިރާގުން ވަނީ ދިރާގު ޕޯސްޓްޕެއިޑް އާއި ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް އިތުރު ޑޭޓާއާއި ޑިސްކައުންޓް ދީފަ އެވެ.

ދިރާގުން ވަނީ މި ދަނޑިވަޅުގައި ގޭގައި ތިބުމަށާއި ސޯޝަލް ޑިސްޓެންސް ދެމެހެއްޓުމަށް ބާރު އަޅައިފަ އެވެ. އަދި އިންޓަނެޓްގެ ބޭނުން ޒިންމާދާރު ގޮތުގައި ހިފުމަށް ވެސް އެ ކުންފުނިން ވަނީ ބާރު އަޅައިފަ އެވެ.