ޓީޗަރުންނާއި ދަރިވަރުންނަށް ދިރާގުން ހިލޭ ޑޭޓާ ޕެކޭޖެއް

އިންޓަނެޓުގެ ޒަރީއާ އިން ތައުލީމް ހާސިލް ކުރުމަށް ލުއިތަކެއް ހޯދައިދިނުމަށް ސްކޫލް ކުދިންނަށާއި ޓީޗަރުންނަށް 30 ދުވަހުގެ ހިލޭ ޑޭޓާ ޕެކޭޖެއް ދިރާގާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މިއަދު ތައާރަފު ކޮށްފި އެވެ.


ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ވަނީ ފަށައިފަ އެވެ. އެހެންކަމުން މިއީ، މި ދަނޑިވަޅު ޓީޗަރުންނާއި ދަރިވަރުންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް ތައާރަފު ކުރި ޕެކޭޖެއް ކަމަށް ދިރާގުން ބުނެ އެވެ.

މި މޯބައިލް ޑޭޓާ ޕެކޭޖަކީ 5 ޖީބީގެ ޑޭޓާ ޕެކޭޖެކެވެ. މި ޕެކޭޖު 30 ދުވަސް ވަންދެން ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. މި ޕެކޭޖު ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީން ދިރާގާ ހިއްސާ ކޮށްފައިވާ ދިރާގުގެ ޕޯސްޓްޕެއިޑް އާއި ޕްރީޕެއިޑް އާއި މަމެން އަދި އެހެނިހެން ދިރާގު މޮބައިލް ހިދުމަތް ބޭނުންކުރާ ދަރިވަރުންނާއި ޓީޗަރުންނަށެވެ.

ކޮވިޑް-19 އާ ގުޅިގެން، ދިރާގުން އަންނަނީ އިންޓަނެޓް ބޭނުންކޮށްގެން ތައުލީމް ފޯރުކޮށްދޭން މަގުފަހި ކޮށްދިނުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. އެގޮތުން، އެ ކުންފުނީގެ ކަސްޓަމަރުންނަށް އިތުރު ޑޭޓާ އާއި ޑިސްކައުންޓްސް ވަނީ ދީފަ އެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ އާއި ހުރިހާ އެޑް-އޮންތަކުން 50 ޑިސްކައުންޓް އަދި ހިލޭ 10ޖީބީ ވެސް ވަނީ ދީފަ އެވެ.

ދިރާގުން ބުނިގޮތުގައި، މި ޑޭޓާ އެލަވަންސްގެ ސަބަބުން ކިޔަވާ ކުދިންނާއި ޓީޗަރުންނަށް އޮންލައިން ކްލާސްރޫމް ހިންގުމަށާއި ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުއިފަސޭހަތައް ލިބޭނެ ކަމަށް އުންމީދު ކުރެވެ އެވެ. އަދި އިންޓަނެޓްގެ ހިދުމަތް މިދުވަސްވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުން ވެސް ބޭނުން ކުރުމަށާއި ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާ އަދާކުރުމަށް ދިރާގުން އިލްތިމާސް ކުރެ އެވެ.