ކޮވިޑް-19: އެލްބިއަން ސްޓޯރުގައި އަތް ދޮންނަ ތައްޓެއް

ގިނައިން އަތް ދޮންނަން ބާރު އެޅުމުގެ ގޮތުން އެލްބިއަން ސްޓޯރުގައި އަތްދޮންނަ ތައްޓެއް ބަހައްޓައިފި އެވެ.


ފިހާރަ ތެރޭގައި ތަށި ބަހައްޓާފައި ހުރި ނަމަވެސް ކޮންމެ މީހަކަށް ވެސް އެ ފިހާރަ އަށް ވަދެ އަތް ދޮވެވޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ. މި ފިހާރަ ހުންނާނީ ބޮޑު ތަކުރުފާނު މަގު ކަސްޓަމްސް ކައިރީގަ އެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާގެ ސާމާނު ވިއްކާ އެލްބިއަން ސްޓޯރުގެ އޮފިޝަލަކު ބުނި ގޮތުގައި އެ ފިހާރައިގައި އަތް ދޮންނަ ތައްޓެއް ބަހައްޓާފައި ވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވައި ފިހާރައިގެ ކަސްޓަމަރުންނަށާއި އާއްމުންނަށް އަތް ދޮންނަން ބާރު އެޅުމުގެ ބޭނުމުގަ އެވެ. އަދި އެ ސަރަހައްދަކީ ގިނަ ބަޔަކު މަސައްކަތް ކުރާ ސަރަހައްދަކަށް ވާތީ އާއްމުންނަށް ވެސް އަތް ދޮވެވޭ ގޮތަށް ފިހާރަ ހުޅުވާލީ ކަމަށް އޭނާ ބުންޏެވެ.

ޖަރާސީމު ފެތުރުން ކުޑަ ކުރުމަށް އަލްބިއަން ސްޓޯރުގައި ބަހައްޓާފައި ވަނީ އޮޓޮމެޓިކް ސެންސަރު ހުންނަ އިސްކުރެކެވެ. ޝެރާ ބްރޭންޑުގެ މި އިސްކުރަށް އަތް ދިއްކޮށްލުމުން އަމިއްލަ އަށް ފެން ދޫކޮށްލަދޭނެ އެވެ.

އެލްބިއަން ސްޓޯރުގައި ބަހައްޓާފައި ހުރި ތަށިން މީހަކު އަތް ދޮންނަނީ-- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް/ މިހާރު

މި ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:45 އިން ރޭގަނޑު 6:00 އަށެވެ. ފިހާރަ ހުޅުވާ ގަޑިތަކަށް ބަދަލުތައް ގެނެސްފައިވަނީ އެ ފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފުން އާއްމުންނާ ބައްދަލުވާ މިންވަރު ކުޑަކުރުމަށް ކަމަށް އެ ފިހާރައިން ބުނެ އެވެ.

ކޮވިޑް-19އާ ގުޅިގެން އެކި ވިޔަފާރިތަކުން ތަފާތު ފިޔަވަޅުތައް އަޅަމުން އަންނައިރު ފިހާރަ އަށް ޒިޔާރަތް ކުރާ މީހުން ގޭގައި މަޑުކުރުމަށް ވެސް އެލްބިއަން ސްޓޯރުން އަންނަނީ ބާރު އަޅަމުންނެވެ. އެގޮތުން އެ ފިހާރައިން ވިއްކާ ހުރިހާ އެއްޗެއް ފޭސްބުކް ޕޭޖުން ބަލައިލެވެން ހުންނައިރު ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ދޭނެ އެވެ.

އެލްބިއަން ސްޓޯރުން ބުނީ އެހެން ފިހާރަތަކާ ހިލާފަށް އެ ފިހާރައިން ކިތަންމެ ކުޑަ އެއްޗެއް ގަތް ނަމަވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. އަދި އޯޑަރު ކުރާ ތަކެތި 24 ގަޑިއިރުގެ ތެރޭގައި ޑެލިވާ ކޮށްދޭނެ ކަމަށް ވެސް އެ ސްޓޯރުން ބުނެ އެވެ.