ޑެލިވަރީއެއް ބޭނުންތަ؟ މިއޮތީ "މިހާރު"ގެ ލިސްޓް

ހޮޓާ/ކެފޭ/ރެސްޓޯރެންޓްގައި ތިބެގެން ކެއިންބުއިމުގެ ފުރުސަތު މި ދުވަސްވަރު މި އޮތީ ގެއްލިފަ އެވެ. އަދި ފިހާރަތަކަށް ގޮސް ވިޔަފާރިކުރުން ވެސް މި ހާލަތުގައި އެހާ ރަނގަޅެއް ނޫނެވެ. މި ކުއްލި ބަދަލާ އެކު ޑެލިވަރީކޮށްދިނުމުގެ ހިދުމަތް މައްޗަށް ހިނގައްޖެ އެވެ. "މިހާރު"ން މި ވަނީ އެކަމަށް ހާއްސަކޮށްގެން ވަކި ޕޭޖެއް ތައްޔާރުކޮށްފަ އެވެ.


އެކި އުފެއްދުންތައް ޑެލިވަރީކޮށްދޭ ވިޔަފާރިތަކާއި އާންމުން ގުޅުވާލަދޭން "މިހާރު" ވެބްސައިޓްގައި ލޯންޗުކުރީ ހޯމް ޑެލިވަރީ ލިސްޓިން ޕްލެޓްފޯމެކެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމުން އެއްވެ އުޅުން މަނާކުރުމާ އެކު އެކި ކުންފުނިތަކުން އާންމުންނަށް ހިތްވަރުދެނީ އެއިން ތަނަކަށް ނުގޮސް ހިދުމަތްތައް ހޯދުމަށެވެ. އެކަން ފުރިހަމަކޮށްދެނީ ޑެލިވަރީގެ ތެރެއިންނެވެ. "މިހާރު"ގެ ހާއްސަ ޕޭޖުން ޑެލިވަރީގެ ހިދުމަތް ދޭ ތަފާތު ވިޔަފާރިތައް ފެންނަން ހުންނާނެ އެވެ.

"މިހާރު"ގެ އޮފިޝަލަކު ވިދާޅުވީ ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ވަންނަ ވެބްސައިޓެއްގެ ހޯމް ޕޭޖުން، ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކުގެ މައުލޫމާތު ލިބެން ހުރުމަކީ، މި ދުވަސްވަރަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ހޯމް ޑެލިވަރީ ލިސްޓް ހިމެނޭ ބައިގައި ކާބޯތަކެތީގެ އިތުރުން އާންމުކޮށް ގޭގެއަށް ބޭނުންވާ ސާމާނާއި ހާޑްވެޔާ އާއި އިލެކްޓްރޯނިކްގެ އުފެއްދުންތައް ޑެލިވަރީކޮށްދޭ ވިޔަފާރިތަކުގެ މައުލޫމާތު ވެސް ފެންނާނެ އެވެ.

އޮފިޝަލް ވިދާޅުވީ މިހާރު ވެސް ގިނަ ކުންފުނިތަކުން އެ ލިސްޓްގައި ބައިވެރިވަމުން އަންނަ ކަމަށެވެ. މިހާތަނަށް ހޯމް ޑެލިވަރީ ލިސްޓްގައި ހިމެނޭ ތަންތަނުގެ ތެރޭގައި ކެފޭ ރީޓްރީޓާއި ދަ ކިޗަން އާއި ކިންގް ލޯންޖް އާއި ޕިއްޒާ ބޯނާ އާއި މަމަކް އާއި ރެޑްވޭވާއި ސޮނީ ހާޑްވެއާ އާއި އެލްބިއަން ސްޓޯރާއި މުދާފޮށްޓާއި ޓީ ޖެޓީ ރެސްޓޯރެންޓާއި ވެލިގާ ހާޑްވެއާ އާއި އިހްސާނު ފިހާރައިގެ އިތުރުން ވީބީ ބްރާދާސް ހިމެނެ އެވެ.

މި ޕޭޖަށް ގޮސް ކިއުންތެރިޔަކު ބޭނުންވާ ވިޔަފާރިއެއްގެ އައިކަންއަށް ފިތާލުމުން، ޑެލިވަރީ ކުރާ ތަކެތީގެ މައުލޫމާތު ތަފްސީލުކޮށް ފެންނާނެ އެވެ.

"މި ދުވަސްވަރު މީހުން ބޭރުގައި އުޅުން ރައްކާތެރިއެއް ނޫން. ރަސްމީ ފަރާތްތަކުން އެ ބުނަނީ ގޭގައި މަޑުކޮށްގެން ތިބެން. އެކަމަށް ހިތްވަރުދޭން ވިޔަފާރިތަކުން ވެސް ޑެލިވަރީ އެކޮށްދެނީ،" އޮފިޝަލް ވިދާޅުވި އެވެ.

"އެހެންވެ އެ ވިޔަފާރިތަކަށް ވީހާވެސް ބޮޑަކަށް އެހީތެރިވުން އަޅުގަނޑުމެންގެ ބޭނުމަކީ."

މިހާރުގެ ޑެލިވަރީ ލިސްޓިންގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިތަކުން 7970180 އަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ އެވެ.