އަންނަ ހަފުތާގައި ވެސް ބޭންކްތައް ހުޅުވާނީ ތިން ދުވަހު

ކޮވިޑް-19 ކޮންޓްރޯލްކުރަން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ސަރުކާރުގެ އޮފީސްތައް އިތުރު އެއް ހަފުތާ އަށް ބަންދުކުރަން ނިންމުމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތައް އަންނަ ހަފުތާގައި ވެސް ހުޅުވާނީ ތިން ދުވަހު ކަމަަށް އެމްއެމްއޭ އިން މިއަދު ނިންމައިފި އެވެ.


ބޭންކްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. މިބަލިމަޑުކަމާ ގުޅިގެން އާންމުންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުގެ އޮފީސްތައް ބަންދުކުރާތާ މިއީ ހަތަރު ވަނަ ހަފުތާ އެވެ. އެންމެ ފުރަތަމަ ދެ ހަފުތާގައި ބޭންކްތައް ހުޅުވީ ދެ ދުވަހަށެވެ. ނަމަވެސް މިދިޔަ ހަފުތާގައި ވެސް ބޭންކުތައް ތިން ދުވަހަށް ހުޅުވާފައިވެ އެވެ.

މަރުކަޒީ ބޭންކުން ނެރުނު ބަޔާނުގައި ބުނީ އަންނަ ހަފުތާގައި ހުޅުވާ ދުވަސްތަކުގައި ހިދުމަތް ދޭނީ ހެނދުނު 9:30 އިން 12:30 އަށް ކަމަށެވެ. އެމްއެމްއޭ އަށް ވަކިލާރި ބަލައިގަނެ، ދޫކުރުމުގެ ޚިދުމަތްތައް ދޭނީ ހެނދުނު 9:30 އިން 11:00 އަށެވެ. އަދި ޖެމްސް ބޭނުން ނުކުރާ އިދާރާތަކާއި އާންމުން އެމްއެމްއޭ އަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށެވެ. އެމްއެމްއޭ އަށް ލިޔެކިޔުންތައް ފޮނުވުމަށް ހަމަޖެހިފައިވާ މެއިލް އަކީ inward.docs@mma.gov.mv އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅައިފަ އެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ކިޔަވައިދޭ އެހެނިގެން ތަންތަނާއި ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމާއި ރިސޯޓުތަކަށް މީހުން އަރައި ފޭބުމާއި ގެސްޓް ހައުސްތަކަށް މީހުން ގެނައުން މަނާކުރުން ހިމެނެ އެވެ. މިހާތަނަށް މިބައްޔަށް ރާއްޖެއިން 19 މީހަކު ވަނީ ޕޮޒިޓވްވެފަ އެވެ. މީގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ.