ރާއްޖެ އާއި ތައިލެންޑުގެ ވިޔަފާރީގެ މަޝްވަރާތައް ފަށައިފި

ރާއްޖެ އާއި ތައިލެންޑާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރަން އުފައްދާފައިވާ ކޮމިޓީގެ މަޝްވަރާތައް މިއަދު ރާއްޖޭގައި ފަށައިފި އެވެ.


ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަޝްވަރާތަކުގައި މިއަދު އޮތީ ދެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުގެ އިސް އޮފިޝަލުންގެ މަޝްވަރާތަކެވެ. ހޮޓެލް ޖެންގައި ކުރިއަށް ގެންދާ މި މަޝްވަރާތަކުގައި ބޭފުޅުންގެ ތެރޭގައި ދެ ގައުމުގެ އިކޮނޮމިކް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ ފަދަ ވުޒާރާތަކުގެ އޮފިޝަލުން ހިމެނިވަޑައިގަންނަވަ އެވެ.

"މި ބައްދަލުވުންތަކުގައި ވިޔަފާރި ކުރިއެރުވުމުގެ އިތުރުން، ތައިލެންޑުގެ އިންވެސްޓްމަންޓް ރާއްޖެ ގެނައުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވޭނެ،" އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މާދަމާ އޮންނާނީ ދެ ގައުމުގެ އިގްތިސާދާ ބެހޭ ވަޒީރުންގެ ބައްދަލުކުރެއްވުމެވެ. އެ ގޮތުން، ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި މިއަދު މެންދުރު ފަހު ރާއްޖެ ވަޑައިގެންނެވި ތައިލެންޑުގެ ކޮމާސް މިނިސްޓަރު އަޕިރާދީ ޓަންޓްރަޕޯން ހޮޓެލް ޖެންގައި ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާނެ އެވެ.

ރާއްޖެ އާއި ތައިލެންޑާ ދެމެދު އުފައްދާފައިވާ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގެ ކޮމާސް މިނިސްޓަރު މިއަދު ރާއްޖެ ވަޑައިގަތުމުން އޭނާ އަށް އެއާޕޯޓުން މަރުހަބާ ދަންނަވަނީ.-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ދެ ގައުމުގެ ދެމެދު އުފައްދާފައިވާ ޖޮއިންޓް ޓްރޭޑް ކޮމިޓީގެ ދެވަނަ ބުރުގެ މަޝްވަރާތަކަށް ރާއްޖެ ވަޑައިގެންނެވި ތައިލެންޑުގެ ކޮމާސް މިނިސްޓަރާ އެކު، އެކްސްޕޯޓް ވިޔަފާރީގައި ހަރަކާތަތްތެރިވާ އެ ގައުމުގެ އެންމެ ބޮޑު 30 ކުންފުނީގެ އިސް ފަރާތްތަކުން ވެސް ވަނީ ރާއްޖެ އައިސްފަ އެވެ. އޭގެ ތެރޭގައި ފަރުނީޗަރު، ގަހަނާ، ކެއިންބުއިމުގެ ބާވަތްތައް، ސްޕާތަކަށާއި ޓޫރިސްޓު ހޮޓާތަކަށް ބޭނުންވާ ސާމާނު ވިއްކުން ފަދަ ދާއިރާތަކުގެ ކުންފުނިތައް ހިމެނެ އެވެ.

ރާއްޖެ އާއި ތައިލެންޑާ ދެމެދު އުފައްދާފައިވާ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުން މިއަދު ކުރިއަށް ދަނީ.-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ޓްރޭޑް ކޮމިޓީގެ ބައްދަލުވުމުގެ އިތުރުން، އެ ކުންފުނިތަކުން އެކްސްޕޯޓު ކުރާ ތަކެތި ދައްކާލުމަށް ހާއްސަ ފެއާއެއް މާދަމާ ދަރުބާރުގޭގައި ބާއްވަން ވެސް ވަނީ ނިންމާފަ އެވެ. އެ ކުންފުނިތަކުގެ އިސް ވެރިންނާ ބައްދަލު ކުރުމުގެ ފުރުސަތު، ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރު ފަހު 2:30 އިން ހަވީރު 5:00 އަށް ބާއްވާ ފެއާގެ ތެރޭން ދޭ ގޮތަށް ވެސް ނިންމާފައިވެ އެވެ.

މިދިޔަ ޖެނުއަރީ މަހު ރައީސް އަބްދުﷲ ޔާމީން ތައިލެންޑަށް ކުރެއްވި ދަތުރުފުޅަށް ފަހު އެ ގައުމާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އެ ގޮތުން، އެ މަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ތައިލެންޑުގެ ކޮމާސް މިނިސްޓަރާއި އެ ގައުމުގެ ވިޔަފާރިވެރިންނާ ވެސް ބައްދަލުކޮށްފަ އެވެ.

ތައިލެންޑުން ރާއްޖެ އަށް ގިނަ އަދަދެއްގެ މުދާ އެތެރެ ކުރެ އެވެ. އޭގެ ތެރޭގައި އަންނައުނާއި ފޭރާން ފަދަ އެއްޗެހި ހިމެނޭއިރު، ރާއްޖޭން ބޭރު ކުރާ މަހުގެ ވަރަށް ބޮޑު ބައެއް ތައިލެންޑަށް ގެންދެ އެވެ. އެ ގޮތުން، މިދިޔަ އޮގަސްޓު މަހު އެކަނި ވެސް 47 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ތައިލެންޑަށް ވިއްކާފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.