މީރާ ހުޅުވާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު

ސަރުކާރު ބަންދު ދުވަސްތަކުގައި އާއްމުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށް މި ހަފްތާގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު މޯލްޑިވްސް އިިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ރަސްމީކޮށް ހުޅުވަން ނިންމައިފި އެވެ.


މީރާ އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ އިދާރާ އިން އެ ތިން ދުވަހު ހިދުމަތް ދޭނީ، ވީހާ ވެސް މަދު މުވައްޒަފުން ނެރެގެން ކަމަށެވެ. އަދި އަސާސީ ހިދުމަތްތައް ނޫން އެހެން ހިދުމަތްތައް ދޭނީ އޮންލައިންކޮށް ކަމަށް ވެސް މީރާ އިން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން މީރާ ބަންދުކޮށްފައި ހުރި ދުވަސްތަކުގައި، ޓެކްސް ބަޔާން ހުށަނޭޅުނު ފަރާތްތަކަށް ފައިސާ ދެއްކުމުގެ އާ ސުންގަޑި އަކީ މާދަމާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. ޓެކްސް ޕެޔާ ސާވިސް ސެންޓަރުގެ ހިދުމަތް ހެނދުނު 9:00 އިން މެންދުރު 1:00 އަށް ލިބޭނެ އެވެ. އަދި އެ ސެންޓަރުގެ ހިދުމަތް ލިބޭނީ ކިއުބީ އެޕްލިކޭޝަން ބޭނުންކޮށްގެން ނުވަތަ 1415 އަށް ގުޅައިގެން އެޕޮއިންޓްމެންޓް ހަދާ މީހުންނަށް އެކަންޏެވެ.

އެޕޮއިންޓްމެންޓް ލިބޭ މީހުން، އެ މީހެއްގެ ޓޯކަން ނަންބަރާ ކައިރި ވުމުން ފައިސާ ދައްކަން ދާން މީރާ އިން އިލްތިމާސްކުރި އެވެ. ދުނިޔޭގައި ހަލުވި ކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 އިން ރައްކާތެރިވާން، މީހުން އެއްވެ ނޫޅުމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ ބާރު އަޅަމުންނެވެ.

މީރާގެ ކައުންޓަރުން މި ދުވަސްވަރު ދޭނީ، ރެވެނިއު ސްޓޭމްޕް ވިއްކުމުގެ ހިދުމަތާއި އޮންލައިންކޮށް ނުދެއްކޭ ފައިސާ ބަލައިގަތުމުގެ ހިދުމަތް އެކަންޏެވެ. އެހެން ހުރިހާ ހިދުމަތެއް ދޭން ނިންމާފައި ވަނީ އޮންލައިންކޮށެވެ.

މީރާ ކަނެކްޓް އެކައުންޓް ބޭނުންކުރާ މީހުން ޓެކްސް ބަޔާން ހުށަހަޅަން ޖެހޭނީ އެ އެކައުންޓް މެދުވެރިކޮށް އޮންލައިންކޮށް ކަމަށް މީރާ އިން ބުންޏެވެ. އަދި މީރާ ކަނެކްޓް ނުވަތަ ވާރުޕޭ މެދުވެރިކޮށް ޖީއެސްޓީ ނިލް ރިޓާން ހުށަހެޅޭނެ ކަމަށް ވެސް މީރާ އިން ބުންޏެވެ.

ޓެކްސްގެ އިތުރުން މީރާއަށް ދައްކަން ޖެހޭ އެހެން ފައިސާ ވެސް، އޮންލައިންކޮށް ދައްކަން މީރާ އިން ބުނެފައިވެ އެވެ. އޭގެ ތެރޭގައި ކުންފުނިތަކުގެ އަހަރީ ފީ އާއި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ އާއި ޓްރެފިކާއި ގުޅޭ ޖޫރިމަނާތަކާއި އެއާޕޯޓް ސެކިއުރިޓީ ފާސްގެ އިތުރުން ވިސާ ފީ އަދި މުދަަލުގެ ޒަކާތް ވެސް އޮންލައިންކޮށް ދެއްކޭނެ ކަމަށް މީރާ އިން ބުންޏެވެ.

ރަޖިސްޓްރީ ކުރުމުގެ ހިދުމަތާއި ޓެކްސް ކްލިއަރަންސް އާއި އިންސްޓޯލްމަންޓް އަދި ފައިން ރިލީފްގެ ހިދުމަތް، އެކަމަކާ ގުޅޭ ފޯމް އޮންލައިންކޮށް ހުށަހެޅުމުން ލިބޭނެ ކަމަށް މީރާ އިން ބުންޏެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ރާއްޖެއިން ކޮވިޑް-19 ފެނުމުން އެއް މަސް ދުވަހަށް ސަރުކާރުން އިއުލާން ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު، އިތުރު އެއް މަހަށް އިތުރު ކުރީ މިދިޔަ ހުކުރު ދުވަހު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ. ފަރުވާއެއް ހޯދިފައި ނުވާ މި ބައްޔަށް ރާއްޖެއިން 20 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވެފައިވާ 13 މީހުންނަކީ، ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންނާއި ޓޫރިސްޓުންނެވެ. އިތުރު ދެ ޓޫރިސްޓަކު މި ބައްޔަށް ޕޮޒިޓިވްވި ކަން އެނގުނީ، އިޓަލީއަށް އަނބުރާ ދިޔަ ފަހުންނެވެ. މި ބައްޔަށް ފަސް ދިވެހިން ޕޮޒިޓިވްވެފައި ވާ އިރު، އޭގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސި ވިލާތުން ރާއްޖެ އައި ދިވެހިންނެވެ. އަނެއް ދިވެއްސަކީ، ފިލިޕީންސުން އައި މީހެކެވެ. މި ފަސް މީހުން ވެސް މި ވަގުތު ތިބީ ކަރަންޓީންގަ އެވެ.