އެމެޒޯނުން އިތުރު 75،000 ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

ކޮރޯނާވައިރަހާ ހެދި އެމެރިކާ އިން ވަރަށް ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާތީ އެފަދަ މީހުންނަށް ހާއްސަކޮށްގެން، މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި އެމެޒޯނުން އިތުރު 75،000 ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.


އެ ކުންފުނިން އިތުރު ވަޒީފާތަކަކަށް ހުޅުވައިލީ ކޮރޯނާވައިރަހާ އެކު، ވިޔަފާރި އަށް އިތުރުވި ޑިމާންޑާ އެކު މިދިޔަ މަހުގެ ތެރޭގައި އެމެރިކާ މީހުންނަށް 100،000 ވަޒީފާގެ ފުރުސަތު ހުޅުވާލާފައި ވަނިކޮށެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖެފް ބެޒޯސްގެ އެމެޒޯނުން ބުނީ އަލަށް ހުޅުވައިލި 75،000 ވަޒީފާތަކަށް މިހާރު ކުރިމަތިލެވޭނެ ކަމަށާއި ވީހާ ވެސް އަވަހަކަށް ވަޒީފާތައް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެމެރިކާގެ ނައިބު ރައިސް މައިކް ޕެންސް އެމެޒޯނަށް ޝުކުރު ވެސް އަދާކުރައްވާފައިވެ އެވެ.

ކޮރޯނާވައިރަހާ އެކު، އެމެޒޯނަށް މީގެ ކުރިން ކުރިމަތިނުވާ ވަރަށް ޑިމާންޑް އުފުލި، ސަޕްލައި ދަށްވެ ބައެއް ކަހަލަ މުދާ ލިބުން ވެސް ދަތިވި އެވެ. މިއާ އެކު އެ ކުންފުނިން ވަނީ މި ހާލަތަށް އެންމެ މުހިއްމު މުދާތައް ވިއްކަން އިސްކަން ދިނުމަށް ފަހު، މި ބަލިމަޑުކަމުގެ ތެރޭގައި މުހިއްމުކަން ކުޑަ އެތައް މުދަލެއްގެ ވިޔަފާރި ވަގުތީ ގޮތުން މަޑުޖައްސާލައިފަ އެވެ. ސަބަބަކީ ޑެލިވަރީގެ ހިދުމަތް އަވަސްކުރުމެވެ.

ނަމަވެސް ތިން ވަނަ ފަރާތެއް މެދުވެރިކޮށް އެމެޒޯނުން ވިއްކާ ނަން-އެސެންޝަލް މުދާތަކުގެ ވިޔަފާރި ލިމިޓެޑްކޮށް އަލުން ފަށާފައިވާ ކަމަށް ބުންޏެވެ.

ކޮރޯނާވައިރޖާ ދިމާކޮށް އެމެޒޯނަށް ބޮޑުވި ލޯޑާ އެކު، އެ ކުންފުނީގެ ވަރަށް ގިނަ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ވެސް އުފެދިގެން ދިޔަ އެވެ. އެއީ އެ މީހުންގެ ރައްކާތެރި ކަމަށް އިސްކަން ނުދީ ގިނަ ވަގުތު މަސައްކަތްކުރުވާ ކަމަށް ބުނެ އެވެ. އަދި މިކަމާ ގުޅިގެން ބައެއް މުވައްޒަފުން ކުންފުންޏާ ދެކޮޅަށް މުޒާހަރާކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

ނަމަވެސް އެމެޒޯނުން އަންނަނީ މުވައްޒަފުންގެ ސަލާމަތަށް ގިނަ ފިޔަވަޅުތަކެއް އަޅައި، ކަންކަން ގާތުން ބަލަމުންނެވެ. އަދި މިކަމުގައި ސީދާ ޖެފް ވެސް އިސް ރޯލެއް އަދާކުރައްވަ އެވެ. މިދިޔަ ހަފުތާގައި ވެސް އޭނާ ވަނީ މަސައްކަތް ހިނގާ ބައެއް ތަންތަނަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފަ އެވެ.

އެމެޒޯނުން މި ހަފުތާގެ ކުރީކޮޅު ވަނީ އެ ކުންފުނީގެ މުވައްޒަފުން ކޮވިޑް-19 އަށް ޓެސްޓްކުރަން އަމިއްލަ ލެބެއް ހަދަން ނިންމިކަން ވެސް އިއުލާންކޮށްފަ އެވެ.