ފުރަތަމަ ހަ މަސްދުވަހު ބިދޭސީން 63.7 މިލިއަން ޑޮލަރު ބޭރުކޮށްފި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 63.7 މިލިއަން ޑޮލަރު (982.2 މިލިއަން ރުފިޔާ) ގައުމަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.


މަރުކަޒީ ބޭންކުން ނެރުނު ކުއާޓަލީ އިކޮނޮމިކް ބްލެޓިންގެ އެންމެ ފަހުގެ އަދަދުގައި ބުނެފައި ވަނީ މަނީ ޓްރާންސްފާ ކުންފުނިތައް މެދުވެރިކޮށް މި އަހަރުގެ ފުރަތަމަ ދުވަހު ރެމިޓެންސްގެ ގޮތުގައި އެންމެ ގިނަ ފައިސާ ފޮނުވާފައި ވަނީ ބަންގްލަދޭޝް އަށް ކަމަށެވެ. އެގޮތުން 69 ޕަސެންޓް ފައިސާ ބޭރުކޮށްފައި ވަނީ އެ ގައުމަށް ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ އޮތޯރިޓީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރެމިޓެންސްގެ ގޮތުގައި ބޭރުކުރި އަދަދު އޭގެ ކުރީ އަހަރުގެ އެ މުއްދަތަށްވުރެ ދެ ލައްކަ ޑޮލަރު މަދު އަދަދެކެވެ. އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ރެމިޓެންސްގެ ގޮތުގައި ބިދޭސީން ފޮނުވާފައި ވަނީ 63.9 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި، ބޭރުގައި މަސައްކަތްކުރާ ދިވެހިން ރާއްޖެއަށް ފޮނުވި ފައިސާގެ އަދަދު 2.2 މިލިއަން ޑޮލަރު (33.9 މިލިއަން ރުފިޔާ)އަށް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ދިވެހިން ރާއްޖެއަށް ފޮނުވާފައި ވަނީ ދެ މިލިއަން ޑޮލަރެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރެމިޓެންސް ޓެކްސްގެ ގޮތުގައި ތިން ޕަސެންޓްގެ ޓެކުހެއް ނަގަން ފަށައިފަ އެވެ.

ރެމިޓެންސް ޓެކްސް ނެގުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީން މުސާރަ ޖަމާކުރަން ޖެހޭނީ ރާއްޖޭގައި ހިންގާ ބޭންކެއްގެ އެކައުންޓަކަށެވެ. އަދި އެ ގާނޫނާ ހިލާފުވެއްޖެ ނަމަ ވަޒީފާދޭ ފަރާތް 50،000ރ. އިން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތަށް ބިދޭސީންނަށް އެކައުންޓް ހުޅުވައިދިނުމުގެ ކަންތައްތައް ބޭންކުތަކުން ދަނީކުރަމުންނެވެ. އެގޮތުން ބީއެމްއެލްގައި ރުފިޔާއިން އެކައުންޓް ހުޅުވާ ނަމަ 500ރ. އަދި ޑޮލަރުން ނަމަ 20 ޑޮލަރު އެކަންޓް ހުޅުވަން ދައްކަން ޖެހެ އެވެ.