އައިއެމްއެފުން ރާއްޖެ އަށް 29 މިލިއަން ޑޮލަރު ހޯދަނީ

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމުގައި ސަރުކާރުގެ ހަރަދުތައް މެނޭޖުކުރުމަށް 29 މިލިއަން ޑޮލަރު ހޯދަން ސަރުކާރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގައި އެދެފި އެވެ.


އައިއެމްއެފުން ބޭއްވި ޕްރެސް ކޮންފަރެންސްގައި، އައިއެމްއެފުން އޭޝިއާ އަދި ޕެސިޕިކް ސަރަހައްދަށް ކަނޑައަޅާފައިވާ ޑިރެކްޓަރު ޗަން ޔޮންގް ރީ ވިދާޅުވީ، ރާއްޖެއިން ރެޕިޑް ކްރެޑިޓް ފެސިލިޓީ (އާރްސީއެފް) ގެ ގޮތުގައި 29 މިލިއަނެއްހާ ޑޮލަރު ހޯދަން އެދިފައިވާ ކަމަށެވެ.

"މިކަން ވަރަށް އަވަހަށް ބޯޑަށް ހުށަހަޅައި މި އަދަދު ހަމަޖެހިގެންދާނެ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އައިއެމްއެފުން މި މަހުގެ 22 ވަނަ ދުވަހު ބާއްވާ ބޯޑު ބައްދަލުވުމުގައި މި ފައިސާ އެޕްރޫވްކުރާނެ އެވެެ.

ރީ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ހަމަމަގަށް އެޅުވުމަށްޓަކައި މިހާރަށް ވުރެ ބޮޑަށް ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ އަށް މީހުން ނެރެ، އެދެ ދާއިރާ ކުރިއެރުވުން މުހިއްމު ކަމަށެވެ. މިކަންކަން ކުރުމަށްޓަކައި މުޅި އިގްތިސާދުގެ ސްޓްރަކްޗާ އަށް ބަދަލު ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާލަތުގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން އެއް ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ސަރުކާރުގެ ބަޖެޓުން ހަރަދުތައް އުނިކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާރު އޮތް ހާލަތުގައި ސިއްހީ ކަންކަމާއި އެ ނޫން މުހިއްމު ހަރަދުތަކަށް ރާއްޖޭގެ ބަޖެޓަށް 12 ބިލިއަން ރުފިޔާ ވަނީ އިތުުރުވެފަ އެވެ.

ރާއްޖެ އަށް ކުރިމަތިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށްޓަކައި ބޭރުގެ އެކި މާލީ އެހީތައް ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެގޮތުން ދާދި ފަހުން ވަނީ ވޯލްޑް ބޭންކުން 266 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން ވަނީ 308 މިލިއަން ރުފިޔާގެ ލޯނު އެހީއެއް ލިބިފަ އެވެ.

މިއަހަރުގެ ބާކީ ބައި ރާއްޖެ އަށް ޓޫރިސްޓުން ނާންނަ ނަމަ ރާއްޖޭގެ އިގްތިސާދު މައިނަސް 17 ޕަސެންޓަށް އަރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކުރެ އެވެ.