އެންމެ ޑޯނަޓަކަށް ކަސްޓަމަރެއްގެ ފަރާތުން 1،000 ޑޮލަރު

އެމެރިކާގެ ބޭކަރީއެއްގެ ރެގިއުލާ ކަސްޓަމަރަކު އެންމެ ޑޯނަޓަކަށް 1،000 ޑޮލަރު ދީ، ބޭކަރީގެ ވެރިޔާ ފެންކަޅިކޮށްލައިފި އެވެ.


މިކަން ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހު އޮހައިއޯގެ އަޕާ އާލިންޓަންގައި ހިންގާ ޓްރެމަންޓް ގުޑީ ޝޮޕްގަ އެވެ. ކަސްޓަމަރެއްގެ ފަރާތުން އެންމެ ކަސްޓަޑް ޑޯނަކަޓަށް 1،000 ޑޮލަރު ލިބުނު ވާހަކަ އެ ބޭކަރީގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އޭގައި ބުނެފައި ވަނީ ޑޯނަކަޓަކަށް އެވަރުގެ އަގެއް ލިބުމަކީ ވިޔަފާރި ދަމަހައްޓަން ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށެވެ.

ޓްރެމަންޓް ގުޑީ ޝޮޕްގެ ވެރިޔާ އެމިލީ ސުމިތު ބުނީ ކޮރޯނާވައިރަހާ އެކު އޭނާގެ ބޭކަރީގެ ވިޔަފާރި ވަރަށް ބޮޑަށް އަޑިއަޅާލި ނަމަވެސް، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދެމިތިބި ކަމަށެވެ. އަދި ބޭކަރީގެ ވިޔަފާރި ދަށްވުމަކީ މާލީ ގޮތުން ވަރަށް ބޮޑު ދައްޗެއް ކަމަށާއި އެކަމަކު ކަސްޓަމަރެއްގެ ފަރާތުން އެންމެ ޑޯނަޓަކަށް 1،000 ޑޮލަރު ލިބުމަކީ ދުވަހަކު އުންމީދު ވެސް ކުރި ކަމެއް ނޫން ކަމަށް ބުންޏެވެ.

"މިފަދަ ދީލަތީ އެހީތަކުން ދައްކުވައި ދެނީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީވުމުގެ މުހިއްމުކަމާއި އެފަދަ ހިތްހެޔޮ އޯގާތެރި މީހުން އަދިވެސް އަހަރެމެންގެ ތެރޭގައި ތިބިކަން." އެހީ ދިން ކަސްޓަމަރަށް ޝުކުރު އަދާކޮށް "ޓުޑޭ ފުޑް" އަށް އެމިލީ ބުންޏެވެ. "ޑޯނަޓަށް އެއްހާސް ޑޮލަރު ދިން ކަސްޓަމަރަކީ މިތަނުގެ ހިދުމަތް ހޯދާތާ ބައިގަރުނުވީ މީހެއް. އަހަރެމެންނަށް ފަހުން އެނގުނު ގޮތުގައި އެ ފައިސާ އަކީ އޭނާ އަށް ވައިރަހާ ދިމާކޮށް ސަރުކާރުން ދިން ސްޓިމިއުލަސް ޕެކެޖްގެ ދަށުން ލިބުނު ޗެކް."

އެމިލީ ކިޔައިދިން ގޮތުގައި އެންމެ ޑޯނަޓަކަށް 1،000 ޑޮލަރު ލިބުމަކީ މިފަދަ ނާޒުކު ވަގުތެއްގައި އެ މީހުންނަށް ވަރަށް ބޮޑު އަދަދެކެވެ. އަދި މިއީ ވިޔަފާރިއާއިގެން ކުރިއަށް ދާން ލިބުނު ހިތްވަރެއް ކަމަށް ވެސް ބުންޏެވެ.

އެމިލީ ބުނީ ޓްރަމަންޓް ގުޑީ ޝޮޕް ބޭކަރީ އަކީ ތިން ޖީލަކަށް ދެމިގެން ގޮސްފައި އޮތް އާއިލީ މަސައްކަތަކަށްވުމާ އެކު، އެ ވިޔަފާރި ބަނގުރޫޓްވުމަކީ ދުވަހަކު ވެސް ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ. ބޭކަރީ ހިންގުމުގައި މި ވަގުތު ހިއްސާވަނީ އެމިލީ އާއި އޭނާގެ ދައްތަ އާއި މަންމަ އެވެ.

"މި ހާލަތުގައި ވެސް އަހަރެމެން މި އަންނަނީ ވީވަރަކުން ކަސްޓަމަރުންނަށް ހިދުމަތް ދެމުން. މިހާރު ހިދުމަތް ބިނާވެފައި އޮތީ ބޮޑަށް ޑެލިވަރީގެ މައްޗަށް." އޭނާ ބުންޏެވެ.