ނެޓްފްލިކްސް ބޭނުންކުރާ މީހުން އިތުރުވަނީ

މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި މަޝްހޫރު ސްޓްރީމިން ކުންފުނި ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު ކުރިން ލަފާކުރި އަދަދަށް ވުރެ ބޮޑަށް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.


ނެޓްފްލިކްސް އިން ބުނި ގޮތުގައި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ސަބްސްކްރައިބަރުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރީ 7 މިލިއަނަށެވެ. ނަމަވެސް އެ އަދަދު 15.77 މިލިއަނަށް އަރާފައިވާ ކަމަށާއި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 22.8 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ބުޏްޏެވެ.

މިއާ އެކު އަހަރުގެ ފުރަތަމަ ކްއާޓަރުގެ އާމްދަނީ އަކީ 5.78 ބިލިއަން ޑޮލަރެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިތުރުވި ސަބްސްކްރައިބަރުންގެ އަދަދާ އެކު ނެޓްފްލިކްސް އަށް ފީ ދައްކައިގެން ބޭނުންކުރާ ސަބްސްކްރައިބަރުންގެ އަދަދު މިހާރު 183 މިލިއަނަށް އަރަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަބްސްކްރައިބަރުންގެ އަދަދަކީ 163 މިލިއަނެވެ. ނެޓްފްލިކްސް އިން ބުނިގޮތުގައި އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު އަހަރުން އަހަރަށް އަންނަނީ އެވްރެޖްކޮށް 23 ޕަސެންޓުގެ ކުރިއެރުމުއް ހޯދަމުންނދެވެ.

"ކުރިން ލަފާކުރި ވަރަށް ވުރެ މި ޕްލެޓްފޯމް ބޭނުންކުރާ މީހުން އިތުރުވި ސަބަބަކީ ކޮރޯނޯވައިރަހާ ހެދި ގިނަ ގައުމުތައް ލޮކްޑައުންކުރުމުން ގިނަ ބަޔަކު ގޭގައި ތބެން ޖެހުމުން." ނެޓްފްލިކްސްގެ ސީއީއޯ ރީޑް ހެޒްޓިންގްސް ވިދާޅުވި އެވެ. "މިއާ އެކު ފިލްމީ މަސައްކަތްތައް ހުއްޓި، ސިނަމާތައް ބަންދުކުރަން ޖެހުމަކީ ވެސް މީގެ އެއް ސަބަބު."

ނެޓްފްލިކްސްގެ ސީއީއޯ.

އެ ކުންފުނީގެ ހިދުމަތަށް ލިބެމުން އަންނަ ތަރުހީބު އިތުރުވަމުން އަންނާތީ ނެޓްފްލިކްސް އިން އަންދާޒާކުރާ ގޮތުގައި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ޕްލެޓްފޯމް ސަބްސްކްރައިބްކުރާ މީހުންގެ ނިސްބަތަށް 7.5 މިލިއަން އިތުރުވާނެ އެވެ.

ނެޓްފްލިކްސް އަކީ ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމެވެ.