ނުފަށައި ހުރި ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މަޑުޖައްސާލައިފި

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ހީނަރުވެފައި ވާތީ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން، ނުފަށާ ހުރި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ޕްރޮޖެކްޓްތައް މަޑުޖައްސާލައިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.


މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ނުފަށާ ހުރި ޕްރޮޖެކްޓްތައް ޓެންޑާ ނުކޮށް މަޑުޖައްސާލާފައި ވާއިރު ސަޕްލައި ޗެއިންގެ ދަތިތަކާ ހެދި މަޝްރޫއުތައް ވެސް މިވަގުތަށް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ކޮރޯނާވައިރަހުގެ ނުރައްކާ ބޮޑުވުމާ އެކު، ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ ސަރުކާރުގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް، ހަރަދުގެ ބައިން ކުޑަކުރަން ވެސް ނިންމައިފަ އެވެ. މިދިޔަ މާޗް މަހު ސަރުކާރުން ވަނީ ބަޖެޓުގެ ތެރެއިން ހަަރަދު ކުޑަކުރުމުގެ ސިޔާސަތެއް އެކުލަވައިލައިފަ އެވެ. އެގޮތުން މިހާތަނަށް އޮފީސްތަކުގެ ބަޖެޓުން 825 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. މީގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރު ލެވެލް އިން ފެށިގެން މަތީގެ ހުރިހާ މުވައްޒަފުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރުން ވެސް ހިމެނެ އެވެ. މީގެ އިތުރުން އާ މުވައްޒަފުން ސަރުކާރަށް ނެގުން ވެސް ވަނީ ހުއްޓާލައިފަ އެވެ.

މިއަދު ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު އަމީރު ވާހަކަ ދައްކަވަނީ.

"ރައްޔިތުންގެ މަޖިލީހުން 2020 ވަނަ އަހަރުގެ ބަޖެޓުގައި 37.8 ބިލިއަން ރުފިޔާ ހަރަދުކުރަން ހިމަނާފައިވޭ. ހަރަދު ކުޑަކުރަން އަޅާފައިވާ ފިޔަވަޅުތަކާއި، މިހާތަނަށް އައި އިރު ހަރަދުތައް ހިނގާފައިވާ ގޮތަށް ބަލާ އިރު އިތުރު ފިޔަވަޅެއް ނާޅާ ނަމަ މިއަހަރު ތެރޭގައި ގާތްގަނޑަަކަށް 35 ބިލިއަން ރުފިޔާ ހަރަދުވާނެ،" އޭނާ ވިދާޅުވި އެވެ.

އެހެން ކަމުން ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ބަޖެޓުން ގާތްގަނޑަކަށް 2.8 ބިލިއަން ރުފިޔާ އުނިވާނެ އެވެ.

އިތުރަށް ހަރަދު ކުޑަކުރަން؛

- ދަތުރުފަތުރުން 33 ޕަސެންޓް ހަރަދު އުނިކުރާނެ

- އެއްގަމުގައި ދުއްވާ އުޅަނދު ފަހަރު ގަތުން ހުއްޓާލުން

- ކަރަންޓް އަދި ތެލުގެ ސަބްސިޑީ 40 ޕަސެންޓް ކުޑަކުރުން

- ޓްރެއިނިންއަށް ކުރާ ހަރަދު 30 ޕަސެންޓް ކުޑަކުރުން

- މަރާމާތަށް ކުރާ ހަރަދުން 59 ޕަސެންޓް ކުޑަކުރުން

- ހަރުމުދާ ހޯދަން ކުރާ ހަރަދުން 70 ޕަސެންޓް ކުޑަކުރުން

- ކައުންސިލްތަކަށް ދޫކުރާ ހިލޭ އެހީ ނުދީ މަޑުޖައްސާލުން

އަމީރު ވިދާޅުވީ، މި އުސޫލުތަކާ އެކު ރިކަރަންޓް އަދި ޕީއެސްއައިޕީ ހަރަދު 30 ބިލިއަނަށް ކުޑަކުރުމަކީ އަމާޒު ކަމަށެވެ. މިއަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދާއި ފީއެސްއައިޕީ އަށް ކަނޑައަޅާފައިވަނީ 33.8 ބިލިއަން ރުފިޔާ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަންނާނެ ލޮޅުމާ އެކު އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށް ބެލެ އެވެ. މިއާ އެކު ބަޖެޓް ޑެފިސިޓް 13 ބިލިއަނާއި 16 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަށް އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ސަރުކާރަށް ވަނީ ބޭރުގެ މާލީ އިދާރާތަކުގެ ލޯނުތަކަށް ބަރޯސާވާން މަޖުބޫރުވެފަ އެވެ.