ސެމްސަންގުން ސިއްހީ އެހީތެރިންގެ ފޯނު ހިލޭ މަރާމާތުކޮށްދެނީ

ކޮރޯނާވައިރަހާ ހެދި އާންމު ރައްޔިތުންގެ ސަލާމަތަށްޓަކައި މި ވަގުތު އެންމެ މުހިއްމު ދައުރެއް އަދާކުރުުގައި ގައުމުތަކުގައި ގުރުބާންވަމުން އަންނަނީ ސިއްހީ އެހީތެރިންނެވެ. ހާއްސަކޮށް ކުރީ ސަފުގައި މަސައްކަތްކުރާ މީހުންގެ ހިދުމަތަކީ އަގުވަޒަން ނުކުރެވޭ ވަރުގެ ހިދުމަތްތަކަތެކެވެ.


މިފަދަ ފަރާތްތަކަށް ހާއްސަކޮށްގެން ވަރަށް ގިނަ ގައުމުތަކާއި ބޮޑެތި ކުންފުނިތަކުން ވެސް އަންނަނީ ހާއްސަ އިނާޔަތްތަތެއް ހަމަޖައްސައި ދެމުންނެވެ. ސެމްސަންގާއި ގޫގުލް އިން މިހާރު ވަނީ ކޮވިޑް-19 ގެ ހާލަތު މިހާރު އެންމެ ގޯސް އެމެރިކާގެ ސިއްހީ އެހީތެރިންނަށް ތަފާތު ގޮތަކަށް އެހިވާން ނިންމައިފަ އެވެ.

އެ ކުންފުނިތަކުން ކޮށްދޭން ނިންމި ކަމަކީ ފޯނުތައް ހިލޭ މަރާމާތުކޮށް ދިނުމެވެ. ސިއްހީ އެހީތެރިއެއްގެ ފޯނުގެ ޑިސްޕްލޭ ހަލާކުވުން ނުވަތަ އެ ނޫން ވެސް މައްސަލައެއް ދިމާވުން ނުވަތަ ފޯނުގެ ބެޓެރީގައި މައްސަލައެއް ހުރުން ފަދަ ކަމެއް ހުރި ނަމަ ދެކުނު ކޮރެއާގެ ކުންފުނި ސެމްސަންގާއި އެމެރިކާގެ ގޫގުލް އިން ވަނީ ހިލޭ މަރާމާތުކޮށްދޭނެ ކަމެއް ބުނެފަ އެވެ. އެ ދެ ކުންފުނިން ބުނިގޮތުގައި މި ހިދުމަތް ސިއްހީ އެހީތެރިންނަށް އަންނަ ޖޫން މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މި ޕްރޮގްރާމަށް ދީފައިވާ ނަމަކީ "ފްރީ ރިޕެއާޒް ފޯ ދަ ފްރޮމްޓްލައިން" އެވެ. އަދި ދެ ކުންފުނިން މިކަން ކުރިއަށް ގެންދަނީ ފޯނު މަރާމާތަށް ހާއްސަ ކުންފުންޏެއް ކަމަށްވާ "ޔޫބްރީކީފިކްސް" އާ ގުޅިގެންނެވެ.

ސެމްސަންގުން ބުނިގޮތުގައި ފޯނުތައް ހިލޭ މަރާމާތުކޮށް ދިނުމުގެ އިތުރަށް މި ދަނޑިވަޅުގައި ގަންނަ ފޯނުތަކަށް ސިއްހީ އެހީތެރިންނަށް 30 ޕަސަންޓްގެ ޑިސްކައުންޓެއް ވެސް ދޭނެ އެވެ.