އެމްޕީއެލްގެ 160 މުވައްޒަފަކު މަސައްކަތް ކުރާނީ އެ ކުންފުނީގައި ލޮކްޑައުންވެ ތިބެ

އެމްޕީއެލްގެ 106 މުވައްޒަފަކު އެ އޮފީހުގައި ލޮކްޑައުންވެ ތިބެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.


އެމްޕީއެލްގެ މި މުވައްޒަފުން މަސައްކަތް ކުރާނީ މާލޭގެ ވިޔަފާރި ބަނދަރުން ނުނިކުމެ އެވެ. އެއީ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަނަށް ބޭނުންވާ އެކި ދާއިރާތަކުގެ މުވައްޒަފުންނެވެ. އޭގެ ތެރޭގައި ޕޯޓު ވެހިކަލް އޮޕަރޭޓަރުންނާއި ފޯކްލިފްޓް ޑްރައިވަރުންނާއި އިންޖިނިއަރިން ޑިޕާޓްމެންޓްގެ މުވައްޒަފުންނާއި ސެކިއުރިޓީ މުވައްޒަފުން ހިމެނެ އެވެ.

އެމްޕީއެލްގެ މުވައްޒަފުންތަކެއް ލޮކްޑައުންވެ ތިބެ މަސައްކަތް ކުރަން ނިންމިއިރު، އެ ކުންފުނީގެ މުވައްޒަފަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި ވިޔަފާރި ބަނދަރުގައި ލޮރީތަކަށް މުދާ ބަރު ކުރަން އުޅޭ މަޖޫރީއަކު ވެސް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

އެމްޕީއެލް އިން ބުނީ، 160 މުވައްޒަފަކު މާލެ ސަރަހައްދުގެ ލޮކްޑައުން ހާލަތު ނިމެންދެން ވެސް މަސައްކަތް ކުރާނީ އެގޮތުގައި ކަމަށެވެ. މި މުއްދަތުގައި އެ މުވައްޒަފުންގެ ނިދުމާއި ކެއުންބުއިމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާނީ ބަނދަރު ސަރަހައްދުގަ އެވެ.

އެމްޕީއެލްގެ މުވައްޒަފުންތަކެއް-- ފޮޓޯ:އެމްޕީއެލް

އެމްޕީއެލް އިން ބުނީ، މިގޮތަށް އޮޕަރޭޝަންތައް ހިންގުމަށް ނިންމީ މިވަގުތު ވީހާ ވެސް މަދު މުވައްޒަފުންނާ އެކު އޮޕަރޭޝަންތައް ކުރިއަށް ގެންދާ އިރު އެ މުވައްޒަފުންގެ ރައްކާތެރިކަމަށް ވިސްނައިގެން ކަމަށެވެ. ވިޔަފާރި ބަނދަރުތަކުގެ ދާއިރާގެ ބައެއް މަސައްކަތްތަކަކީ އެކަމަށް ހާއްސަ ތަމްރީނާއި ތަޖުރިބާ ލިބިގެން މެނުވީ، ކުރެވޭނެ މަސައްކަތްތަކެއް ނޫނެވެ. އެގޮތުން ޕޯޓުގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރާ ޕޯޓު ވެހިކަލްތައް އޮޕަރޭޓް ކުރުމުގެ ތަމްރީނު ލިބިފައިވާ އޮޕަރޭޓަރުން ތިބީ ހަމައެކަނި އެމްޕީއެލްގަ އެވެ.

މިގޮތަށް މުވައްޒަފުންތަކެއް އެމްޕީއެލްގެ ބަނދަރުގައި ނުނިކުމެވޭ ގޮތަށް މަސައްކަތުގައި ބޭނުން ކުރުމަށް ނިންމީ ރާއްޖެއަށް އެތެރެ ކުރާ ކާބޯތަކެތީގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ މުދަލުގެ ބާވަތްތައް ބަޒާރަށް ފޯރުކޮށްދިނުމުގައި އަވަސް ކޮށްދިނުމަށް ކަމަށް އެކުންފުނިން ބުނެ އެވެ.

އެމްޕީއެލްގެ މުވައްޒަފުން ކޮންޓެއިނަރުތައް ކްލިއާ ކުރުމުގެ މަސައްކަތުގައި-- ފޮޓޯ: އެމްޕީއެލް

އެމްޕީއެލް އިން ބުނީ، މި ހާލަތުގައި އެމްޕީއެލްގެ މުވައްޒަފުން ވެސް ކުރަމުން އަންނަނީ ގައުމީ މަސައްކަތްތަކެއް ކަމަށާއި ހާއްސަކޮށް ރޯދަ މަހު އާއިލާއާ ދުރުގައި ތިބެ، އެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު ހައްގު ކަމަށެވެ.

ލޮކްޑައުންގެ ހާލަތުގައި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅެއްގެ ގޮތުން މާލޭ ވިޔަފާރި ބަނދަރަށް ބޭރުން ވަނަ ހުރިހާ އެންމެން ވެސް މިހާރު ސްކްރީނު ކުރެ އެވެ.