ޓެސްލާ އިން އިނގިރޭސިވިލާތަށް ކަރަންޓްގެ ހިދުމަތް ދެނީ

އިލެކްޓްރިކް ކާރު އުފައްދާ މަޝްހޫރު ކުންފުނި ޓެސްލާ އިން އިނގިރޭސިވިލާތުގައި ކަރަންޓްގެ ހިދުމަތް ދިނުމުގެ ހުއްދަ އަށް އެދިިއްޖެ އެވެ.


ބީބީސީން ބުނިގޮތުގައި މަހުޖަނު އީލޮން މަސްކްގެ ކުންފުނިން އިނރޭސިވިލާތަށް ކަރަންޓް ސަޕްލައިކޮށްދިނުމުގެ ހުއްދަ އަށް އެދި އެ ގައުމުގެ ގޭސް އެންޑް އިލެކްޓްރިސިޓީ މާކެޓްސް އޮތޯރިޓީ (އޯފްޖެމް) އަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ.

ޓެސްލާ އަކީ މިހާރު ވެސް އިޔާދަކުރަނިވި ހަތަކަ އުފައްދާ ކުންފުންޏެކެވެ. އެކަމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ސޮފްޓްވެއާ އޮޓޯބިޑާ އަކީ މިހާރު ވެސް އިތުރުވާ ކަރަންޓް ވިއްކާ ތަނެކެވެ. އަދި ޓެސްލާ އިން ހަކަތަ ރައްކާކުރެވޭ ބެޓެރި އުފައްދަ އެވެ. ޕަވަވޯލްގެ ނަން ދީފައިވާ މި ބެޓެރީގެ ތެރޭގައި ގޭބިސީ އާއި ސިނާއީ މަސައްކަތްކަށް ހާއްސަ ބެޓެރި ވެސް ހިމެނެ އެވެ.

ޓެސްލާ އިން އަންނަނީ ދެކުނު އޮސްޓްރޭލިއާގެ ހުންނަ އެ ކުންފުނީގެ ހޯންސްޑޭލް ޕަވަ ރިޒާވްގައި ވެސް އޮޓޯބިޑާ ބޭނުން ކުރަމުންނެވެ. ނަމަވެސް މި ނިޒާމު ޓެސްލާ އިން އިނގިރޭސިވިލާތުގައި ބޭނުންކުރާނެތޯ ނޫންތޯ ސާފެއްނުވެ އެވެ.

އެ ގައުމަށް ޓެސްލާ އިން ކަރަންޓްގެ ހިދުމަތް ދިނުމުގެ ހުއްދަ އަށް އެދުނު އިރު މި ދަނޑިވަޅަކީ ކަރަންޓަށް މާ ބޮޑު ޑިމާންޑެއް ވެސް ނެތް ދުވަސްވަރެކެވެ. ސަބަބަކީ ކޮރޯނާވައިރަހާ އެކު އިގުތިސާދީ ގިނަ މަސައްކަތްތައް ހުއްޓި، ގިނަ ކާރުހާނާތައް ވެސް ބަންދުކޮށްފައި ހުރުމެވެ.