ކާރިސާތަކުން އަރައިގަތުމުގައި އެހީވާން ވޯލްޑް ބޭންކުން ރާއްޖެ އަށް 16.5 މިލިއަން ޑޮލަރު ދެނީ

ކާރިސާތަކުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރުމަށް އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރުމަށް ރާއްޖެ އަށް 16.5 މިލިއަން ޑޮލަރު (254 މިލިއަން ރުފިޔާ) ދޭން ވޯލްޑް ބޭންކުން ނިންމައިފި އެވެ.


އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރިމަތިވާ ކާރިސާތަކާއި އެހެނިހެން ހާދިސާތަކުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރާ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރުމަށާއި ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި ދޭ އެހީގައި މިދިޔަ ހަފުތާގައި ޑިޖިޓަލްކޮށް ސޮއިކޮށްފައިވާ ކަމަށެވެ.

އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ހިލޭ އެހީގެ ގޮތުގައި ދޭ 8.2 މިލިއަން ޑޮލަރު އަދި ލޯނު އެހީގެ ގޮތުގައި 8.2 މިލިއަން ޑޮލަރު ދިނުމުގެ މި އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ވޯލްޑް ބޭންކުގެ ފަރާތުން ރާއްޖެއަށާއި ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައިވާ ކައުންޓްރީ ޑިރެކްޓަރު ޑރ. އައިޑާ ސްވަރާއި-ރިޑިހޯ ވަނީ ސޮއިކުރައްވައިފަ އެވެ.

"މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓު" ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ދަށުން މާލޭގެ ފެން ހިންދާ ނިޒާމުގެ ފެންވަރު ރަނގަޅު ކުރާނެ އެވެ. ވާރޭވެހި، ފެން ހިންދާ ހޮޅިތައް ހަލާކުވެ ބެދިފައިވުމުގެ ސަބަބުން މާލޭގައި ފެންބޮޑުވުމުގެ އެތައް ހާދިސާތަކަކާ ކުރިމަތިލާން ޖެހިފައި ވެ އެވެ. އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ މުދަލަށް ގެއްލުން ވެފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެ މަޝްރޫއުގެ ދަށުން، ނަރުދަމާ ނިޒާމު މެދުވެރިކޮށް ހިންދާ ފެން، ރައްކާތެރިގޮތުގައި ނައްތާލަން ބޭނުންވާ ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ހުޅުމާލޭގައި ގާއިމްކުރަން ބޭނުންވާ ފައިސާ ލިބޭނެ އެވެ. އެ ޕްލާންޓުގެ ސަބަބުން، ރައްކާތެރި ނޫން ގޮތުގައި އުކާލާ ފެން، މި ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަށް އެޅުން މަދުވުމާ އެކު ސިއްހީ ނުރައްކާތައް ކުޑަވެ، ވެށިި ތަޣައްޔަރުވުމުގެ ސަބަބުން ރާއްޖޭގެ މުހިއްމު ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތްތަކަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމްތަވާނެ އެވެ.

ކައުންޓްރީ ޑިރެކްޓާ އައިޑާ ސްވްރާއި ވިދާޅުވި ގޮތުގައި ގެދޮރުވެރިކަމުގެ ސިޔާސަތުތައް ވެގެންދާނީ ގުދުރަތީ ކާރިސާތަކާއި ބަލިމަޑުކަން ފަދަ ކަންކަމުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށެވެ.

"ތޮއްޖެހިފައިވާ ސިޓީތަކުގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެއް. ސަރަހައްދީ ހަބުތައް ގާއިމްކޮށް، ތޮއްޖެހުން ކުޑަކުރުމަށް އަމާޒުކުރެވޭ ގެދޮރުވެރިކަމުގެ ސިޔާސަތުތައް ވެގެންދާނީ ގުދުރަތީ ކާރިސާތަކާއި ބަލިމަޑުކަން ފަދަ ކަންކަމުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް،" އައިޑާ ސްވްރާއި ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާ ދެކޮޅަށް މިހާރަށް ވުރެ ރަނގަޅަށް މަސައްކަތްކުރުމަށްޓަކައި ރާއްޖެއަށް އެހީތެރިވެދިނުމުގެ ގޮތުން، ދުރާލައި އިންޒާރުދޭ ޒަމާނީ ނިޒާމެއް ފޯރުކޮށްދިނުން ހިމެނޭ ގޮތަށް ކުއްލި ހާލަތަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކުރުމަށްޓަކައި ވެސް މަސައްކަތް ކުރާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

އެ ޕްރޮޖެކްޓް ހިންގަން ނިންމާފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އެމްޑަބްލިއުއެސްސީ އާއި މާލެ އަދި އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު، ނޭޝަނަލް ޕްލޭނިން މިނިސްޓްރީ އެވެ.