ލޮކްޑައުންގައި ސެލޫން ހުޅުވުމުން އެމެރިކާ އަންހެނަކު ހަފުތާއަކަށް ޖަލަށް

ކޮރޯނާވައިރަހާ އެކު އެމެރިކާގައި ލޮކްޑައުން އިއުލާންކޮށްފައި ވަނިކޮށް، ސެލޫނެއް ހުޅުވައި ހިދުމަތް ދިން މައްސަލައެއްގައި ޓެކްސަސްގެ އަންހެނަކު ޖޫރިމަނާކޮށް، ހަފުތާއެއްގެ މުއްދަތަށް ޖަލަށްލާން ހުމުކްކޮށްފި އެވެ.


ޑަލަސްގައި ހިންގާ "ސެލޯން އަ ލަ މޯޑް" ގެ ވެރިޔާ ޝެލީ ލޫތާ މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހާޒިރުކޮށް 7،000 ޑޮލަރުން ޖޫރިމަނާކޮށް، ޖަލު ހުކުމް އިއްވީ ލޮކްޑައުންގެ ތެރޭގައި ޒަރޫރީ ހިދުމަތް ދޭ ތަންތަން ފިޔަވައި އެހެން ވިޔަފާރިތައް ބަންދުކުރަން އަންގާފައި ވަނިކޮށް އުސޫލާ ހިލާފަށް ސެލޫން ހުޅުވައި ހިދުމަތް މައްސަލައިގަ އެވެ.

އޭނާގެ މައްސަލަ ބެއްލެވި ގާޒީ އެރިކް މޯޔީ ވިދާޅުވީ "އަމިއްލަ އެދުން" އިސްކުރި މައްސަލާގައި ޝެލީ އަށް ޖަލު ހުކުމުން ސަލާމަތް ވެސް ވެވިދާނެ ކަމަށާއި ކުރަން ޖެހޭ ކަމަކީ މާފަށް އެދުން ކަމަށެވެ.

ނަމަވެސް ކޯޓްގައި އޭނާ ބުނީ މައާފަށް ނޭދޭނެ ކަމަށެވެ. އަދި "މުވައްޒަފުންނާއި ދަރިންނަށް ކާންބޯންދޭން އާމްދަނީ ހޯދުމަކީ އަމިއްލަ އެދުން ނޫން" ކަމަށާއި "އަދިވެސް ސެލޫން ހުޅުވައިގެން ހިދުމަތް ދޭނެ" ކަމަށް ބުންޏެވެ.

ކޯޓުގައި ފުލުހުންތަކެއް ވަނީ ޝެލީއާ ދެކޮޅަށް ހެކިބަސް ވެސް ދީފަ އެވެ. އެ މީހުން ބުނި ގޮތުގައި ސެލޫން ހުޅުވައިގެން އެތަނުގައި އޭނާ ކަސްޓަމަރުންގެ ބޯ ކޮށަން ހުއްޓައި އެ މީހުންނަށް ފެނި، އެކަން ހުއްޓުވަން ވެސް މަސައްކަތްކޮށްފައި ވާނެ އެވެ.

ކޯޓުގެ އަމުރާ އެކު އެކު ސެލޫން މިހާރު ހުރީ ބަންދުކޮށްފަ އެވެ. ޝެލީގެ މައްޗަށް އިއްވި ހުކުމުގައި ވަނީ ކޯޓް ނިންމުމާ ހިލާފުވެއްޖެ ނަމަ އަނެއްކާ ވެސް އިތުރު 500 ޑޮލަރުން ޖޫރިމަނާކުރާނެ ކަމަށެވެ.

ސެލޫން އަލުން ހުޅުވައި ހިދުމަތް ދެވޭނީ ލޮކްޑައުންނަށް ގެންނަ ލުއިތަކާ އެކު، އަލުން ވިޔަފާރި ހުޅުވަން ހުއްދަ ލިބުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ހުކުރު ދުވަހަށް ފަހު، ސެލޫންތައް ހުޅުވުމުގެ ހުއްދަ ޓެކްސްގައި ދޭނެ އެވެ.

ޝެލީ އަށް ކުތިމަތިވި ހާދިސާއާ ގުޅިގެން ގޯފަންޑްމީ ޕޭޖްގައި ވަނީ އޭނާ އަށް އެހީވާން ފަންޑެއް ވެސް ހުޅުވައިފަ އެވެ. އެއަށް މިހާތަނަށް 40،000 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ލިބިފައިވެ އެވެ.