ފްރާންސުން އެދެނީ ގިނައިން ޗީޒް ކާން

ކޮރޯނާވައިރަހާ ހެދި، ފްރާންސްގައި ޗީޒްގެ ޑިމާންޑް ވަރަށް ބޮޑަށް ދަށްވެ، ވިޔަފާވެރިންނަށް ގެއްލުންވަމުންދާތީ އެ ގައުމުގެ ރައްޔިތުން ވީހާ ވެސް ގިނައިން ޗީޒް ކާން ގޮވާލައިފި އެވެ.


ނެޝަނަލް ކައުންސިލް އޮފް އެޕެލޭޝަން އޮފް ޑެއިރީ އޮރިޖިން (ސީއެންއޭއޯލް) ގެ ރައީސް މިޝެލް ލެކޯސްޓް ސީއެންއެން ވިދާޅުވީ ކޮރޯނާވައިރަހާ އެކު ފްރާންސްގައި މާޗް މަހުގެ 17 އިން މިދިޔަ މަހުގެ 10 އާ ހަމައަށް ލޮކްޑައުން އިއުލާންކުރުމާ އެކު ޗީޒްގެ ވިޔަފާރި 60 ޕަސަންޓަށް ދަށްވެފައިވާ ކަމަށެވެ. އަދި ކުރިއާ ހިލާފަށް އެ ގައުމުގެ ރައްޔިތުން ޗީޒް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް މަދުވެފައި ވާތީ ހުރިހާ ގެއްލުމެއް ކުރިމަތިވެފައި ވަނީ ޗީޒް އުފައްދައި އޭގެ ވިޔަފާރިކުރާ މީހުންނަށް ކަމަށް ވިދާޅުވި އެވެ.

މިޝެލް ވިދާޅުވީ ޗީޒަށް އޮތް ޑިމާންޑް ކުއްލިއަކަށް ވެއްޓުމާ ގުޅިގެން 5،000 ޓަނުގެ ޗީޒް ނުވިކި ހަލާކުވެގެން އުކައިލަން ޖެހިދާނެ ކަމަށެވެ.

"ޗީޒް އުފައްދާ މީހުން އެ މަސައްކަތް ހުއްޓައެއް ނުލާ. ކުރިއެކޭ އެއްގޮތަށް އެ މަސައްކަތް ކުރިއަށް އެބަދޭ. އެކަމަކު ކޮރޯނާވައިރަހާ އެކު ރައްޔިތުން ވަނީ ޗީޒް ކެއުން ހުއްޓާލާފައި. އަހަރެމެން ބުނަން އޮތީ އެހެން ނަހަދާށޭ، ޗީޒް ކޮންމެ ދުވަހަކު ބެސް ކާށޭ. ގިނަގިނައިން ކާށޭ. ޗީޒަކި އަހަރެމެންގެ ސަގާފަތުގެ ވެސް ވަރަށް ހާއްސަ އެއްޗެއް."

ފްރާންސަކީ ޗީޒްގެ 246 ވައްތަރެއް އުފައްދާ ގައުމެކެވެ.

ސީއެންއޭއޯލް އިން ބުނީ ޗީޒް ގަންނާނެ ބަޔަކު ނެތި، އެތައް ބައެއްގެ ބުރަ މަސައްކަތް ބޭކާރުވުމަކީ ފޫނުދެއްދޭ ވަރުގެ ގެއްލުމަކަށް ވާނެ އެވެ.

"ފްރާސްގައި އުފައްދާ ޗީޒްތަކުގެ އަށްޑިހަ ޕަސަންޓަށް ބަލާ އިރު ބައެއް ޗީޒްތަކަކީ އޭގެ ޝެލްފްލައިފް އަށް ހަފުތާ ނުވަތަ ނުވަތަ މަހަކަށް ވުރެ ވެސް ކުޑަ އެއްޗެއް،" މިޝެލް ވިދާޅުވި އެވެ. "އެހެންވެ އެބަޖެހޭ ޗީޒްގެ ވިޔަފާރި ރަނގަޅުވާން."

މިކަމާ ގުޅިގެން މިހާރު ވަނީ ޗީޒް ކެއުމަށް ހިތްވަރުދޭން ހާއްސަކޮށްގެން މިދިޔަ ހޯމަ ދުވަހު ކެމްޕޭނެއް ވެސް ފަށައިފަ އެވެ.