200 މިލިއަން ޑޮލަރުން ހަރަދުތައް ފޫނުބެއްދޭނެ، މަޝްވަރާތައް ވަރަށް އުނދަގޫ: ސަރުކާރު

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ބޭރު އެހީގެ ގޮތުގައި ސަރުކާރުން ހޯދުމަށް މަސައްކަތް ކުރާ 200 މިލިއަން ޑޮލަރުން އެކަނި ހަރަދުތައް އެންމެ ފުރިހަމައަށް މެނޭޖް ނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.


އޮޑިޓް އޮފީހުން އިންތިޒާމުކުރި ކޮންފަރެންސެއްގައި، ފިނޭންސް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އާމްދަނީ އިންތިހާ އަށް ދަށްވެފައިވާއިރު، މިހާރު ވެސް ބޭރުގެ އެކި އެކި މާލީ އިދާރާތައް މެދުވެރިކޮށް، ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މާލީ 10 އިދާރާއަކުން 233 މިލިއަން ޑޮލަރު ހޯދުމަށް ރާއްޖެ އިން އަންނަނީ ކުރަމުންނެވެ. މީގެ ތެރެއިން ބައެއް އެހީތައް މިހާރު ވަނީ ލިބިފަ އެވެ.

ސަރުވަޝް ވިދާޅުވީ، ބޭރުގެ މާލީ އިދާރާތަކުން ހޯދަން ނިންމާފައިވާ އަދަދުން، ރާއްޖޭގެ ހަރަދުތައް އެންމެ ފުރިހަމައަށް މެނޭޖް ކުރެވޭނެ ކަމަށް ބައެއް ފަރާތްތަކަށް ހީވިޔަސް އެ ކަން އެ ގޮތަށް ނުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ކަނޑައަޅާފައިވާ ފައިސާ ލިބުނަސް ފައިނޭންސް ކުރެވޭނީ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއްބަޔަށް ވާ ވަރު ކަމަށެވެ.

"އެ ތަން ފޫބެއްދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ ހަރަދު ކުޑަކޮށްގެންނާއި އިތުރު ފައިނޭންސިން ގެނެސްގެން. ފައިނޭންސިން އަކީ ހަމަ ދަރަނި. އެހެންވީމާ ދަރަނި އިތުރުވެގެން ދާނީ. އެ ކަމަށް މާބޮޑު ޗޮއިސްތަކެއް ވެސް ނެތް. އެއީ ހަރަދު މާ ބޮޑު އަޅުގަނޑުމެންނަށް ކޮންޓްރެކްޓް [ކުޑަ] ކުރެވެން ނެތީމާ،" ސަރުވަޝް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވާ ސިނާރިއޯތަކުގެ ތެރެއިން މިހާރު އެންމެ ބޮޑަށް އަންނާނެ ހާލަތުގެ ގޮތުގައި ފާހަގަކުރާ "ސިނޭރިއޯ 3" ގައި ވާ ގޮތުން ސަރުކާރުގެ ހަރަދުތައް މެނޭޖް ކުރުމަށް 15 ބިލިއަން ރުފިޔާ ބޭނުންވެ އެވެ. މީގެ އިތުރުން ދެވަނަ އަށް އަންނާނެ ކަމަށް ލަފާކުރާ "ސިނޭރިއޯ 4" ގައި ހަރަދުތައް މެނޭޖްކުރަން 17 ބިލިއަން ރުފިޔާ ބޭނުންވެ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މާލީ 10 އިދާރާއަކުން 233 މިލިއަން ޑޮލަރު ހޯދުމަށް ރާއްޖެ އިން އަންނަނީ ކުރަމުންނެވެ. މީގެ ތެރެއިން ބައެއް އެހީތައް މިހާރު ވަނީ ލިބިފަ އެވެ.

ސަރުކާރަށް މި ވަގުތަށް ބޭނުންވާ ހަރަދުތައް މެނޭޖްކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން ކެނޑިނޭޅި ބޭރުގެ މާލީ އިދާރާތަކާއި ޕްރައިވެޓް ބޭންކުތަކާ އެކު ވެސް މަޝްވަރާ ކުރާ ކަމށް ސަރުވަޝް ވިދާޅުވި އެވެ.

ފައިސާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތައް

އޭނާ ވިދާޅުވި ގޮތުގައި، ޓޫރިޒަމް ދާއިރާ ހުއްޓިފައިވާ މި ވަގުތު އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށްޓަކައި ލޯނާއި އެހީގެ ގޮތުގައި ބޭރުން ފައިސާ ގައުމަށް ވެއްދުން ވަރަށް މުހިއްމެވެ.

"ފައިނޭންސިން ހޯދުމުގައި އެބަހުރި ވަރަށް ބޮޑެތި ދަތިތައް. އެ ކަމުގެ މަޝްވަރާ އަކީ ވަރަށް ޕެއިންފުލް ވަގުތު ދާ މަސައްކަތްތަކެއް. ބޭރުގެ މާކެޓް އެކްޓިވިޓީ ވަރަށް ދަށް. ހަމަ އެއާ އެއްކޮށް ކެޕިޓަލް ކޮންޓްރޯލް ވެސް އަޅާފައި ހުންނަނީ. އެގޮތުން ގައުމުތަކުން ޑޮލަރު ބޭރު ކުރުމުގައި ވެސް ހުންނަނީ ވަރަށް ބޮޑަށް ދަތިކޮށްފައި،" ސަރުވަޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބޭސް ބޭރުކުރުން ހުއްޓުވާފައި އޮންނަ އުސޫލުން ގައުމުތަކުން ފައިސާ ވެސް ބޭރު ކުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. ބޭރުގެ މާލީ އިދާރާތަކުން ފައިސާ ހޯދުމުގެ އިތުރުން އެތެރޭގެ މާކެޓުން ވެސް ފައިސާ ހޯދުމުގައި ވަރަށް ބޮޑެތި ދަތިތައް ހުރި ކަމަށް ވިދާޅުވި އެވެ.

ސަރުވަޝް ވިދާޅުވީ، ބޭންކްތަކުން ލޯނު ދެއްކުމުގައި ލުއިތައް ދިނުމުގެ ސަބަބުން ބޭންކްތަކުގެ އާމްދަނީ ދަށްވެ، އިގްތިސާދުގައި ފައިސާ ދައުރުވާ މިންވަރު ވެސް ދަށްވެފައިވާ ކަމަށެވެ. އެގޮތުން ބޭންކުތަކުން ޓީބިލަށް އިންވެސްޓް ކުރާ ކެޕޭސިޓީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ސަރުވަޝް ވިދާޅުވީ، ބޭރުގެ މާލީ އިދާރާތަކުން ހޯދަން ނިންމާފައިވާ އަދަދުން، ރާއްޖޭގެ ހަރަދުތައް އެންމެ ފުރިހަމައަށް މެނޭޖް ކުރެވޭނެ ކަމަށް ބައެއް ފަރާތްތަކަށް ހީވިޔަސް އެ ކަން އެ ގޮތަށް ނުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ކަނޑައަޅާފައިވާ ފައިސާ ލިބުނަސް ފައިނޭންސް ކުރެވޭނީ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއްބަޔަށް ވާ ވަރު ކަމަށެވެ.

"ވަޒީފާތައް ގެއްލުމާ ގުޅިގެން ޕެންޝަން އޮފީހަށް ލިބޭ އާމްދަނީ ވެސް ވަނީ ދަށްވެފައި. އެހެންވީމާ ޕެންޝަން އޮފީހަށް ޓީބިލަށް އިންވެސްޓް ކުރާ މިންވަރު ވެސް ވަރަށް ދަށް. އެހެންވީމާ އެތެރޭގެ މާކެޓުން އަޅުގަނޑުމެންނަށް ކުރިން ލިބޭ މިންވަރަށް ފައިސާއެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ސަރުވަޝް ވިދާޅުވި ގޮތުގައި، މި ހާލަތުގައި ވެސް ކޮންމެހެން ދައްކަން ޖެހޭ ބިލްތަކަށް ސަރުކާރުން ފައިސާ ދައްކަންޖެހޭ އިރު، ދައުލަތުގެ ޓެކްސް އިދާރާ މީރާ މިހާރު ބަންދުކޮށްފައި ހުރުމުން ޓެކްސް ފައިސާ އިން ލިބޭ އާމްދަނީ ކަލެކްޓް ކުރުމުގައި ވެސް ދަތިތައް އެބަހުއްޓެވެ. މިއާ އެކު ކޭޝްފްލޯ ވަރަށް ބޮޑަށް ތާށިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަން ހައްލު ކުރުމަށްޓަކައި އެމްއެމްއޭ އިން 4.4 ބިލިއަން ރުފިޔާ ނަގަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތަށް ބަލާ އިރު، މި ގޮތަށް އެމްއެމްއޭ މެދުވެރިކޮށް ފައިސާ ނެގުމުން ރާއްޖޭގެ އިންފްލޭޝަނަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.