އިގްތިސާދީ ދަތިތަކުން އަރައިގަނެވޭނީ ހާލަތު ދެނެގަނެވިގެން: ވިސާމް

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު އަޑިއަޅާލައިފައިވާ އިރު، އެ ކަންކަން ފޫބައްދަން އަދި ދުވަސް ނަގާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ މަރިޔަމް ވިސާމް ވިދާޅުވެއްޖެ އެވެ.


އޮޑިޓް އޮފީހުން ރޭ ބޭއްވި ހާއްސަ ވީޑިއޯ ކޮންފަރެންސްގައި ވިސާމް ވިދާޅުވީ، މި ދަތިތަކުން އަރައިގަނެވޭނީ މިހާރުގެ ހާލަތު އެންމެ ފުރިހަމަ އަށް ދެނެގަނެވިގެން ކަމަށެވެ. އެގޮތުން، "ހޯމް-ބޭސްޑް ވޯކަރުން" ނާއި ވަޒީފާ ގެއްލިފައިވާ މީހުންނަކީ ކޮބައިތޯ ވަޒަން ކުރުމުގެ މަސައްކަތްތައް މި ވަގުތު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މުސްތަގްބަލުގައި ވަޒީފާގެ ބާޒާރަށް ނެރޭނެ، އަދި ސްކިލް [ހުނަރު] އެންހޭންސް ކުރަނީ ކޮން ބައެއްގެ، ކޮން ޒާތެއްގެ ސްކިލްއެއްގައި ބަލައި، އިތުރަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން ކޮންމެވެސް ކަހަލަ ތަމްރީނުތަކެއް ދީގެން ވަޒީފާގެ ބާޒާރަށް ނެރެވޭނީ، ކޮން ފަރާތްތަކެއްކަން ދެނެގަންނަން ވަގުތުތަކެއް ނަގާނެ،" އޭނާ ވިދާޅުވި އެވެ.

ވިސާމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރުމަށްޓަކައި ބައެއް ދާއިރާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެ އެވެ. އިމާރާތް ކުރުމުގެ ދާއިރާ އިން މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި އެ ދާއިރާ އޮތީ ވަރަށް ބޮޑަށް ލޭބަރުންނަށް ބަރޯސާވެފައި ކަމަށެވެ. ނަމަވެސް މިހާރު މިއީ ހާލަތު ބަދަލުކޮށް، ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި މެޝިނަރީތައް މިހާރަށް ވުރެ އިތުރަށް ބޭނުންކޮށް، ލޭބަރުން ގެންގުޅޭ ވަރު މަދުކުރަން ޖެހޭ ވަގުތު ކަމަށް ވިދާޅުވި އެވެ.

"މުސްތަގްބަލުގައި ވަޒީފާގެ ބާޒާރަށް ނެރޭނެ، އަދި ސްކިލް [ހުނަރު] އެންހޭންސް ކުރަނީ ކޮން ބައެއްގެ، ކޮން ޒާތެއްގެ ސްކިލްއެއްގައި ބަލައި، އިތުރަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން ކޮންމެވެސް ކަހަލަ ތަމްރީނުތަކެއް ދީގެން ވަޒީފާގެ ބާޒާރަށް ނެރެވޭނީ، ކޮން ފަރާތްތަކެއްކަން ދެނެގަންނަން ވަގުތުތަކެއް ނަގާނެ،" ވިސާމް

ވިސާމް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތަކަށް ދިމާވެފައިވާ އުނދަގޫ ހާލަތުގައި އެއް ގައުމުން އަނެއް ގައުމަށް ގޮސް ވަޒީފާ އަދާކުރަން ބޭނުންވާ މިންވަރު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށެވެ.

ވަޒީފާތަކުގައި މިހާރު ތިބި މީހުން، ވަޒީފާ އިން ވަކި ނުވެ، ވަޒީފާތަކުގައި ބޭތިއްބުމަކީ އިގްތިސާދު ރިކަވަރީ ކުރަން ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މި ހާލަތުގައި ވިޔަފާރިތައް ރީ-ސްޓްރަކްޗާ ކުރުމުގައި މި ކަންކަމަށް އިސްކަން ދިނުން މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިންގެ ސްކިލް އެންހޭންސް ކޮންގެން ނަމަވެސް ވަޒީފާގެ ބާޒާރަށް ނެރެގެން ނޫނީ ކުރިއަށް މި އޮތް އަހަރެއްގެ ތެރޭގައި ގައުމު ކޮޅަށް ޖަހަން ދަތިތައް ކުރިމަތިވާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ ރިލީފް ފަންޑެއް އިއުލާނުކޮށްފަ އެވެ. މި ރިލީފް ފަންޑުގެ ތެރެއިން، ވިޔަފާރިތަކަށް އެހީ ފޯރުކޮށްދޭ އިރު އާންމުންނަށް ވެސް ކަރަންޓާއި ފެން ބިލް ދެއްކުމުގައި ލުއިތަކެއް ދީފައިވެ އެވެ. މީގެ އިތުރުން މިހާލަތުގައި ވަޒީފާ ގެއްލޭ މީހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.