ކަންކަން ރޭވިފައި ހުރީ ރަނގަޅަށް، މާ ބޮޑަށް ހާސްވާކަށް ނުޖެހޭ: ސަރުވަޝް

ދައުލަތުގެ ކަންކަން މި ވަގުތަށް ރޭވިފައި ހުރީ ރަނގަޅަށް ކަމަށާއި، އަދި ހާސްވާ ހިސާބަށް ދާން ނުޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.


ނޭޝަނަލް އިމަޖެންސީ އޮަޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުވަޝް ވިދާޅުވީ، ބޭރުގެ މާލީ އިދާރާތަކުން ލޯނާއި ހިލޭ އެހީ ހޯދުމުގެ މަސައްކަތް ކުރާ އިރު މިކަން ދިގުދެމިގެން ދާ ނަމަ އިތުރު ގޮތްގޮތުން ވެސް ފައިސާ ހޯދާނެ ކަމަށެވެ.

"ފައިނޭންސިން ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން އަންނަނީ ކުރަމުން. އެހެން ގޮތްގޮތް ވެސް އެބަހުރި ފައިނޭންސިން ހޯދަން. ފައިނޭންސިން އަކީ ކޮންމެހެން މިއަދަކު އެއްފަހަރާ ބޭނުންވާނެ އެއްޗެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ސަރުވަޝް ވިދާޅުވީ، މިހާރުން މިހާރަށް ކޮންމެހެން ދައްކަންޖެހޭ ބިލްތަކަށް ބޭނުންވާ ވަރަށް ދައުލަތުގައި ފައިސާ ހުރި ކަމަށެވެ. ސަރުކާރުން ވަނީ ހަރަދުތައް މެނޭޖް ކުރުމަށްޓަކައި އެމްއެމްއޭ މެދުވެރިކޮށް 4.4 ބިލިއަން ރުފިޔާ ވެސް ނެގުމަށް ނިންމައިފަ އެވެ. އެހެންކަމުން ކޭޝް ފްލޯ ހަމަޖެއްސުމުގައި މިވަގުތަށް ދައްޗެއް ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުން ހަރަދުތައް ކުރަމުންދާނެ. މުސާރަ ވެސް ދޭނެ. އާސަންދަ އާއި އެހެނިހެން ހިދުމަތްތައް ވެސް ދޭނެ. ވަރަށް ގިނަ އެހެން ހިދުމަތްތައް ވެސް ދައުލަތުން ދޭނެ،" އޭނާ ވިދާޅުވި އެވެ.

"ފައިނޭންސިން ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން އަންނަނީ ކުރަމުން. އެހެން ގޮތްގޮތް ވެސް އެބަހުރި ފައިނޭންސިން ހޯދަން. ފައިނޭންސިން އަކީ ކޮންމެހެން މިއަދަކު އެއްފަހަރާ ބޭނުންވާނެ އެއްޗެއް ނޫން،" ސަރުވަޝް

އޭނާ ވިދާޅުވީ، ބޭރުގެ މާލީ އިދާރާތަކުން ހޯދާ ލޯނާއި އެހީއާ އެކު ކުރާ ހޭދަތައް ވެސް އިތުރުވާނެ ކަމަށާއި އިތުރު ހަރަދުތައް ކުޑަކުރަން ވެސް ޖެހޭނެ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ އޮޑިޓް އޮފީހުން ބޭއްވި ހާއްސަ ވީޑިއޯ ކޮންފަރެންސެއްގައި ސަރުވަޝް ވަނީ މިވަގުތު ބޭރުގެ މާލީ އިދާރާތަކުން ހޯދަން މަސައްކަތް ކުރާ 200 މިލިއަނެއްހާ ޑޮލަރަކީ ހަރަދުތައް ފޫބެއްދޭނެ އަދަދެއް ނޫން ކަމަށް ވެސް ވިދާޅުވެފަ އެވެ.

ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވާ ސިނާރިއޯތަކުގެ ތެރެއިން މިހާރު އެންމެ ބޮޑަށް އަންނާނެ ހާލަތުގެ ގޮތުގައި ފާހަގަކުރާ "ސިނޭރިއޯ 3" ގައި ވާ ގޮތުން ސަރުކާރުގެ ހަރަދުތައް މެނޭޖް ކުރުމަށް 15 ބިލިއަން ރުފިޔާ ބޭނުންވެ އެވެ. މީގެ އިތުރުން ދެވަނަ އަށް އަންނާނެ ކަމަށް ލަފާކުރާ "ސިނޭރިއޯ 4" ގައި ހަރަދުތައް މެނޭޖްކުރަން 17 ބިލިއަން ރުފިޔާ ބޭނުންވެ އެވެ.