ދަ ސަން ވިލް ޝައިން އަގެއިން: ރާއްޖެ އިޝްތިހާރުކުރަން ފޭސްބުކްގައި ލައިވް އިވެންޓެއް

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ދަތި އުނދަގޫ ވަގުތުގައި ވެސް ދުނިޔެ އަށް ރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ފޭސްބުކްގައި ކެމްޕޭނެއް ހިންގަން ނިންމައިފި އެވެ.


އެމްއެމްޕީއާރްސީން މި ހަރަކާތް ކުރިއަށް ގެންދަނީ "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އަގެއިން" މި ނަމުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ބާއްވާ ތިން ގަޑިއިރުގެ މި ލައިވް އިވެންޓް އޮންނާނީ ޖޫން މަހުގެ 8 ވަނަ ދުވަހުގެ ރޭގަނޑު 8:00 އިން 11:00 އަށެވެ. މި ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރާއްޖެ އަށް ހެޔޮއެދޭ މީހުންގެ ފަރާތުން ރާއްޖެ އަށް އޮތް ލޯބި ހާމަކޮށްދިނުމުގެ ގޮތުން އުންމީދީ މެސެޖުތައް ދޭނެ އެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، މިއީ ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލަން ހިންގާ ކެމްޕެއިނެއް ނޫން ކަމަށެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައިވާ މިދަނޑިވަޅުގައި، ބޭރުގެ އެކި ފަރާތްތަކަށް ރާއްޖެ ހަނދާން ކޮށްދިނުމުގެ ގޮތުން ހިންގާ ހާއްސަ ކެމްޕެއިނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމަށް ފަހު އަލުން ފެށުމުގެ ގޮތުން ވަމުން އަންނަ ތައްޔާރީތައް ވެސް މި ހަރަކާތުގައި ދައްކާނެ އެވެ. މި އިވެންޓުގައި ޓޫރިޒަމް ދާއިރާގެ އިސްވެރިންނާއި ރާއްޖޭގެ އާޓިސްޓުންނާއި މިއުޒީޝަނުން ވެސް ބައިވެރިވާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައި އޮތް ނަމަވެސް، ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ގިނަ ހަރަކާތްތަކެއް އެމްއެމްޕީއާރްސީން މިހާރު ވެސް އަންނަނީ ހިންގަމުންނެވެ.