އެމްޕީއެލްގެ މުވައްޒަފުން ލޮކްޑައުންގައި 28 ދުވަސް، ހިދުމަތަށް ހުއްޓުމެއް ނެތް

ކޮވިޑް-19އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ އެއް ބަޔަކީ، ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބަނދަރު ހިންގާ އެމްޕީއެލްގެ މުވައްޒަފުންނެވެ. އޮފީހުގައި ލޮކްޑައުންވެ ތިބެ އެ މުވައްޒަފުން މަސައްކަތް ކުރާތާ 28 ދުވަސް ވެއްޖެ އެވެ. އެކަމަކު މި ހާލަތުގައި ވެސް ގައުމު އިސްކޮށް އެ މުވައްޒަފުންގެ ހިތްވަރަކަށް ބަދަލެއް ނާދެ އެވެ.


އެމްޕީއެލްގެ މަސައްކަތްތަކަށް ކިރިޔާ ވެސް ބުރުލެއް އަރައިފި ނަމަ އޭގެ ނުބައި އަސަރު ރާއްޖޭގެ ވިޔަފާރީގެ ހަރަކާކްތަކާއި އާންމު ދިރިއުޅުމަށް ކުރެ އެވެ. ނަމަވެސް ކޮވިޑް-19 ފަދަ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ވެސް ހިދުމަތް ދިނުމުގައި ފަސްނުޖެހި ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތުން، ވިޔަފާރި ބަނދަރަށް ހުއްޓުމެއް ނާދެ އެވެ.

އެމްޕީއެލުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަނީ ބޭރުން ގެންނަ ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ވީހާވެސް އަވަހަށް ބޯޓުތަކުން ބާލައި ވިޔަފާރިވެރިންނާ ހަމައަށް ފޯރުކޮށްދޭށެވެ. ސިއްހީ ހިދުމަތްތެރިންނަށް މި ވަގުތު ބޭނުންވާ ޒަރޫރީ ސާމާނު ވެސް، ރާއްޖެ ގެނައުމާ އެކު، ވީހާވެސް އަވަހަކަށް ކަމާ ބެހޭ ފަރާތްތަކާ ހަމައަށް ފޯރުކޮށްދޭން އެމްޕީއެލުން މަސައްކަތްކުރެ އެވެ.

އެމްޕީއެލްގެ މުވައްޒަފުން ބޯޓުން މުދާ ބޭލުމުގައި އެހީވަނީ - ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

މާލެ ލޮކްޑައުން ކުރުމާ އެކު އެމްޕީއެލުން ވެސް އެ ކުންފުނީގެ ހައި ރިސްކު މުވައްޒަފުން ގޭގައި ބޭތިއްބި އެވެ. އަދި މިވަގުތަށް ބޭނުންވާނެ މުވައްޒަފުން އޮފީހުގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސި އެވެ. މިވަގުތު އެ ކުންފުނީގެ ހެޑް އޮފީހުގައި 180 އަށް ވުރެ ގިނަ މުވައްޒަފުން އަންނަނީ ލޮކްޑައުންވެ ތިބެ މަސައްކަތް ކުރަމުންނެވެ.

އެމްޕީއެލްގެ ޗީފް ރިސްކް އޮފިސަރު އިބްރާހިމް ޒާހިރު "މިހާރު"އަށް ވިދާޅުވީ އެ ކުންފުނީގައި މިވަގުތު މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ އަދަދު މަދު ނަމަވެސް އޮޕަރޭޝަނަށް އެއްވެސް ބުރުލެއް ނާރާ ކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ ހާލަތަށް ބަލައިގެންނާއި ކުރިއަށް އޮތް ތަނުގައި ލަފާކުރެވޭ އެކި ހާލަތްތަކަށް ބަލައިގެން ހިދުމަތް މެދުނުކެނޑި ދެވޭނެ ޕްލޭނެއް ތައްޔާރު ކޮށްފައި އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އޮޕަރޭޝަން ހުއްޓުމަކަށް އަންނާނީ ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސް ވެއްޖެ ނަމަ. އެކަމަކު އެ ހާލަތުގައި ވެސް އަދި އެހެން ސިނާރިއޯތަކުގައި ވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތް ދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ލޮކްޑައުން އުވާލައިފި ނަމަ ނިއު ނޯމަލަށް ވެސް މިތިބީ ތައްޔާރުވެގެން،" ޒާހިރު ވިދާޅުވި އެވެ.

އެމްޕީއެލްގެ ޗީފް ރިސްކް އޮފިސަރު އިބްރާހިމް ޒާހިރު "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

ކޮވިޑް-19 ރާއްޖެއިން ފެނުމުގެ ކުރިން ދުވާލެއްގެ މައްޗަށް 250 އަށް ވުރެ ގިނަ ކޮންޓެއިނަރު އެމްޕީއެލުން ކްލިއާކުރެ އެވެ. ނަމަވެސް ލޮކްޑައުންއާ ގުޅިގެން އައި ބަދަލުތަކާ އެކު މިހާރު ކްލިއާ ކުރެވެނީ ދުވާލަކަށް 150 ކޮންޓެއިނަރެވެ.

އެމްޕީއެލްގެ ހެޑް އޮފް ކާގޯ އޮޕްރޭޝަންސް، އަހުމަދު އިނާން ވިދާޅުވި ގޮތުގައި ރޭގަނޑު ވަގުތު ޕޯޓު ބަންދުވި ނަމަވެސް ވިޔަފާރިވެރިންގެ އެދުމުގެ މަތިން މުދާ އަވަހަށް ކްލިއާކުރުމުގައި އިތުރު ގަޑީގައި ވެސް އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބަނދަރުކުރާ ބޯޓުތަކުގައި ގެންނަ މުދާ ވީހާވެސް އަވަހަށް ބާޒާރަށް ނެރެން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ހެޑް އޮފް ކާގޯ އޮޕްރޭޝަންސް، އަހުމަދު އިނާން "މީހާރު"އާ ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

"މަދުމަދުން އެހެން މުދާ ކްލިއާ ކުރި ނަމަވެސް މައިގަނޑު ގޮތެއްގައި މިހާރު ވެސް ކްލިއާ ކުރަމުން އަންނަނީ ކާބޯތަކެތީގެ އައިޓަމްތައް. މި ރޯދަ މަހު ވެސް ޕެރިޝަބަލްސް [އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި] ބަނދަރަށް ބާލާތާ 24-48 ގަޑިއިރު ތެރޭގައި ބާޒާރަށް ނެރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" އިނާން ވިދާޅުވި އެވެ.

މައި ވިޔަފާރި ބަނދަރުގެ އިތުރުން އެމްޕީއެލުން އަންނަނީ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރުން ރަށްރަށުގެ އުޅަނދުފަހަރަށް ބޭނުންވާ ހިދުމަތްތައް ވެސް ފޯރުކޮށްދެމުންނެވެ. އަދި އެމްޕީއެލުން ދެމުން އަންނަ ޕަބްލިކް ޓްރާންސްޕޯޓް މި ވަގުތަށް ހުއްޓާލައިފައި އޮތް ނަމަވެސް ސަރުކާރުގެ އެދުމުގެ މަތިން ސިއްހީ ހިދުމަތްތެރިންނާއި ރާއްޖެއިން ބޭރަށް ފުރާ ބިދޭސީންނަށް ބަހުގެ ހިދުމަތް ވެސް ފޯރުކޮށްދެ އެވެ. އެ ހިދުމަތުގައި އުޅޭ މުވައްޒަފުން ވެސް މަސައްކަތްކުރަނީ ލޮކްޑައުންގައި ތިބެގެން ކަމަށް އެމްޕީއެލުން ބުންޏެވެ.

އިނާން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ވެސް އުއްމީދަކީ މި ހާލަތުން އަރައިގަނެ ވީހާވެސް އަވަހަށް އާއިލާއާ ބައްދަލުވުމެވެ. އަދި އެ މުވައްޒަފުން މި ދަނޑިވަޅު ދެމުން އަންނަ އެއްބާރުލުމަށް އޭނާ ޝުކުރު ވެސް އަދާކުރެއްވި އެވެ.