ގައިޑްލައިން ޑްރާފްޓްކުރަން މަޝްވަރާއެއް ނުކުރޭ: މަޓާޓޯ

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ޑްރާފްޓް ގައިޑްލައިން އެކުލަވައިލީ މަޝްވަރާ ނުކޮށް ކަމަށާއި އެއާ މެދު ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.


ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ޓްރެވެލް އޭޖެންޓޫންނާއި ޓުއާ އޮޕަރޭޓަރުން ޝާމިލުވާ ޖަމިއްޔާގެ ބަޔާނުގައި ބުނީ ކަންބޮޑުވުންތައް ހުރި ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން މިފަދަ ގައިޑްލައިނެއްގެ މަސައްކަތް ފެށުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވައިލި ގައިޑްލައިނަށް އިންޑަސްޓްރީގެ ހިޔާލަށް ހުޅުވައިލުމުން މަޓާޓޯ އިން ވެސް ވަނީ އެ ގައިޑްލައިން ރިވިއުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

"ބައެއް މީޑިއާތަކުގައި ބުނެފައިވޭ ގައިޑްލައިން އެކުލަވައިލާފައިވަނީ މި ދާއިރާގެ ހިޔާލާ އެކީގައޭ. އެކަމަކު އެއީ ރަނގަޅު ވާހަކައެއް ނޫން. އަޅުގަނޑުމެންގެ ހިޔާލަށް ހުޅުވާލީ ގައިޑްލައިން ޑްރާފްޓް ކުރުމަށްފަހުގައި. މިހާރު ބިދަނީ އެސްއޯޕީ ގައިޑްލައިން ރިވިއު ކުރަމުން. އެގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ މި ދާއިރާގެ ހިޔަލު އަޅުގަނޑުމެން ހޯދާނަން،" މަޓާޓޯ އިން ބުންޏެވެ.

ޓޫރިސްޓުން އަލުން އައުމުގައި އަލަމުކުރާނެ ގޮތްތައް ބަޔާންކޮށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ގައިޑްލައިންގައި ވާގޮތުން އަލުން ޓޫރިސްޓުން ގެންނަ އިރު ހާއްސަ ހުއްދައިގެ ދަށުން ރާއްޖެ އަށް އަންނަ ޕްރައިވެޓް ޖެޓްތަކާއި ޗާޓާޑް ފްލައިޓްތައް ޖެއްސުމަށް ފީއެއްގެ ގޮތުގައި 50،000 ޑޮލަރު ނަގާނެ އެވެ. މީގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ހާއްސަ ވިސާ ފީއެއްގެ ގޮތުގައި 100 ޑޮލަރު އަދި ކޮވިޑަށް ޓެސްޓް ކުރުމަށް ކޮންމެ މީހަކަށް 100 ޑޮލަރު ނަގަން ވެސް ހިމަނާފައިވެ އެވެ.

އެ ގައިޑްލައިންގައި ކަނޑައަޅާފައި އޮތީ، ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ވެސް ކޮވިޑަށް ޓެސްޓް ކުރާށެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން ޓޫރިސްޓުން ތިބެން ޖެހޭނީ ކޮޓަރިތަކުގައި ކަމަށް ވެސް ގައިޑްލައިންގައިވެ އެވެ. މި ގައިޑްލައިންގައި، އެއާޕޯޓާއި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތަކުގައި އަމަލުކުރާނެ ގޮތްތައް ވަކިވަކިން ބަޔާންކޮށްފައިވެ އެވެ.

މަޓާޓޯ އިން ބުނީ، ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ މި ދަނޑިވަޅުގައި ގައިޑްލައިނަށް އަމަލުކުރަން ފަށާ އިރު ހުރިހާ ސްޓޭކްހޯލްޑަރުންގެ މަޝްވަރާ އާއި ބަސް ހޯދުން ވަރަށް މުހިއްމު ކަމަށެވެ.

ޓޫރިޒަމް އަލުން ފެށުމަށް ބޯޑަރުތައް އަނެއްކާ ވެސް ހުޅުވައިލުން މުހިއްމުކަން ފާހަގަކޮށް، އެ ޖަމިއްޔާ އިން ބުނީ، އަލަށް އެކުލަވައިލި ގައިޑްލައިންގެ ސަބަބުން، ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އަގު ވަރަށް ބޮޑަށް ވެއްޓުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި މިހާރު ވެސް ގިނަ ބަޔެއްގެ ކަންބޮޑުވުންތައް އެގައިޑްލައިނާ ގުޅިގެން އެބަހުރި ކަމަށް ބުނެފައިވެ އެވެ.

ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީ ލިބޭ މި ދާއިރާ އަލުން ކޮޅަށްޖެހުމުގައި މިދިޔަ 40 އަހަރުގެ ތަޖުރިބާގައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމުގައި ގެންގުޅުނު ރީތި ގޮތްތައް ދޫކޮށްލައިގެން ނުވާނެ ކަމަށް ވެސް އެޖަމިއްޔާއިން ބުންޏެވެ.