ޓޫރިޒަމް ގައިޑްލައިންގައި ހިމެނި ފީތައް ނުނަގަން ނިންމައިފި

ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައިފައިވާ ގައިޑްލައިނުގައި ހިމަނާފައިވާ ފީތައް ނުނަނަގަން އެ މިނިސްޓްރީން ނިންމައިފި އެވެ.


އެ ގޮތަށް މިނިސްޓްރީން ނިންމީ ޓޫރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތަކާ މަޝަވްރާ ކުރުމަށް ފަހު އެވެ.

އެ މިނިސްޓްރީން އެކުލަވާލައިފައިވާ ގައިޑްލައިންގައިވާ ކަންތައްތަކާ ގުޅޭ ގޮތުން ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު ގެންދަވަނީ އެ އިންޑަސްޓްރީގެ ސްޓޭކް ހޯލްޑަރުންނާ މަޝްވަރާ ކުރައްވަމުންނެވެ. އެގޮތުން ހުރިހާ ސްޓޭކް ހޯލްޑަރުން ހިމެނޭހެން މިދިޔަ ބުދަ ދުވަހު އޮންލައިން ބައްދަލުވުމެއް ބާއްވާފައިވާއިރު މިރޭ ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި އެމްއޭސީއެލް އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެމްއެމްޕީއާރުސީއާ ބައްދަލު ކުރައްވައިފަ އެވެ.

މިރޭގެ ބައްދަލުވުމާ ހަމައަށް ޓޫރިޒަމް ގައިޑްލައިނަށް ތިން ފަހަރުމަތިން ވަނީ ބަދަލުތައް ގެނެސްފަ އެވެ. އަދި މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެ ގައިޑްލައިނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލައިފަ އެވެ. މި ގައިޑްލައިންގެ ފައިނަލް ކޮޕީއެއް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނީ އެ ހިޔާލުތައް ލިބި ގެންނަން ޖެހޭ ޒަރޫރީ ބަދަލުތައް ގެނައުމަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މިރޭ ޓޫރިޒަމް މިނިސްޓްރީން ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން އެ މިނިސްޓްރީން ކުރި ޓްވީޓެއް--

އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރަޒާން "މިހާރު"އަށް ވިދާޅުވީ ގައިޑްލައިންގައި ކުރިން ފީތަކެއް ކަނޑައެޅީ ކުރިއެކޭ އެއްގޮތަށް ދަތުރުފަތުރު ނޯމަލް ވަންދެން ކަމަށެވެ. ނަމަވެސް ސްޓޭކް ހޯލްޑަރުންގެ އެދުމުގެ މަތިން ތިންވަނައަށް އެކުލަވާލާފައިވާ ޑްރާފްޓުގައި އެ ފީތައް ނުހިމަނާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަންނަ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ފައިނަލް ޑްރާފްޓެއް އެކުލަވާލައި ކަމާ ބެހޭ ފާރަތްތަކަށް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓުން އަލުން ގެނައުމުގައި އަލަމުކުރާނެ ގޮތްތައް ބަޔާންކޮށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ގައިޑްލައިންގައިވާ ގޮތުން ހާއްސަ ހުއްދައިގެ ދަށުން ރާއްޖެ އަށް އަންނަ ޕްރައިވެޓް ޖެޓްތަކާއި ޗާޓާޑް ފްލައިޓްތައް ޖެއްސުމަށް ފީއެއްގެ ގޮތުގައި 50،000 ޑޮލަރު ނަގާނެ އެވެ. މީގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ހާއްސަ ވިސާ ފީއެއްގެ ގޮތުގައި 100 ޑޮލަރު އަދި ކޮވިޑަށް ޓެސްޓް ކުރުމަށް ކޮންމެ މީހަކަށް 100 ޑޮލަރު ނަގަން ވެސް އެ ގައިޑްލައިންގައި ހިމެނި އެވެ.

ޓޫރިޒަމް އަލުން ފެށުމުގެ ގޮތުން އިންޑަސްޓްރީގެ އިސް ފަރާތްތަކާ އެކު ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނައިރު މިނިސްޓަރު އަލީ ވަހީދު މިރޭ ވަނީ ގައިޑްލައިނާ ގުޅޭގޮތުން ޔޫއެންގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ)ގެ ސެކެޓްރީ ޖެނެރަލް ޒުރަބް ޕޮލޮލިކަޝްވިލީއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. މި ގައިޑްލައިންގައި ހިމަނާ ކަންތައްތައް ހާސިލް ކުރުމަށް އެ ޖަމިއްޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އޭނާ އަރުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދުގެ ޓްވީޓެއް--

ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮންނަތާ ދެ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ގިނަ ދުވަހަށް އެ ދާއިރާ ހުއްޓިފައި އޮވެއްޖެ ނަމަ އިގްތިސާދު ވަރަށް ބޮޑުތަނުން ދަށްވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އެހެންކަމުން މި ވަގުތަށް އެޅޭނެ ހުރިހާ ސަލާމަތީ ފިޔަވަޅުތަކާ އެކު ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވާލަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުން ނިންމައިފައިވާ ގޮތުގައި ރާއްޖޭގެ ހާލަތު އިތުރަށް ގޯސް ނުވާނަމަ އަންނަ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ އެވެ. ނަމަވެސް ދަތުރުފަތުރު ނޯމަލަކަށް ދެވޭނީ އަންނަ އޮކްޓޫބަރު މަހާ ހިސާބުގައި ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ.