ގިނަ ބައެއްގެ ޕެންޝަން ބެލެންސް އުޅެނީ އެއް ލައްކައަށް ވުރެ ދަށުގައި

ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ އާބާދީގެ 55 ޕަސެންޓް މީހުންގެ ފަންޑް ބެލެންސް އުޅެނީ 100،000ރ. އަށް ވުރެ ދަށުގައި ކަމަށް އެ އޮފީހުން ބުނެފި އެވެ.


މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުން ފާތިމަތު ސުޖާތާ ހަލީމު ވިދާޅުވީ، ޕެންޝަން ފަންޑުގައި ތިބި 154،385 މީހުންގެ ތެރެއިން ގިނަ ބަޔެއްގެ އެކައުންޓުގައި ހުރީ ވަރަށް މަދު އަދަދެއް ކަމަށެވެ. އޭނާ ވިދާޅުވި، 19 ޕަސެންޓް މީހުންގެ ފަންޑުގައި ހުރީ 10،000ރ. އަށް ވުރެ ދަށް އަދަދެއް ކަމަށެވެ. އެންމެ ބޮޑު ޕެންޝަން ފަންޑުގެ ގޮތުގައިވާ 450،000ރ. އަށް މަތީގެ އާމްދަނީގެ ޕެންޝަންގައި ހުރީ ޕެންޝަން ފަންޑުގައި ބައިވެރިވި މީހުންގެ ދެ ޕަސެންޓް މީހުންގެ އެވެ.

"އަޅުގަނޑުމެންގެ ޕާޓިސިޕެންޓުންގެ އޭޖަށް ބަލައިލައިފިއްޔާ ވަރަށް ޔަންގް ޕޮޕިއުލޭޝަނެއް މިއުޅެނީ. ފަންސާސް ޕަސެންޓަށް ވުރެ ބޮޑު ޕޮޕިއުލޭޝަނެއް މިއުޅެނީ 45 އަހަރުން ދަށުގެ އާބާދީ. އެހެންވީމަ މި ބޭފުޅުންނަށް އެބައޮތް ވަގުތު ފަންޑުގައި ހުރި ފައިސާ އިންވެސްޓްކޮށްގެން ރަނގަޅު ރިޓަޔަމެންޓެއް ހޯދުމުގެ ފުރުސަތު،" އޭނާ ވިދާޅުވި އެވެ.

ސުޖާތާ ވިދާޅުވީ، ލިބޭ އާމްދަނީން ކޮންމެ މަހަކު ގާތްގަނޑަކަށް ހަތް ޕަސެންޓް ކެނޑިގެންދާ އިރު މި އަދަދަކީ ރިޓަޔާވާ އިރު އެ މީހަކަށް އެ މީހެއްގެ އާމްދަނީ ލިބޭނެ ވަރުގެ އަދަދެއް ކަމަށެވެ. އެހެންކަމުން މީގެއިން އިތުރު ކަންކަން ކުރަން ވިސްނައިފި ނަމަ ލިބޭ ޕެންޝަން ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޖާތާ މިހެން ވިދާޅުވެފައިވާ އިރު ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ދޫކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވައިލައިފަ އެވެ. މީގެ އިތުރުން މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު އަންނަނީ ފަންޑުން ބައެއް ނެގޭނެ ގޮތް ހަދައިދިނުމަށް އެދެމުންނެވެ.

ޕެންޝަން ފަންޑަށް 10 އަހަރުވެގެން ދިޔަ އިރު މިހާތަނަށް 3.9 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ.

ޕެންޝަން ފަންޑުގައި ހުރި ފައިސާ އެ އޮފީހުން އަންނަނީ ލޯންގް-ޓާމް އިންވެސްޓްމެންޓްތަކުގައި ހޭދަކުރަމުންނެވެ. މިގޮތަށް އިންވެސްޓް ކުރުމުގައި އެވްރެޖްކޮށް ކޮންމެ ޕޯޓްފޯލިއޯއަކުން ނުވަތަ އިންވެސްޓްކުރާ ފެސިލިޓީއަކުން ފަސް ޕަސެންޓްގެ ފައިދާ ލިބޭ ކަމަށް ސުޖާތާ ވިދާޅުވި އެވެ. ކުރިއަށް އޮތްތަނުގައި ވެސް ފަންޑަށް ލިބޭ ފައިސާ އިންވެސްޓް ކުރުމުގެ އިތުރު ފައިދާހުރި ގޮތްތައް އަންނަނީ ބަލަމުންނެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އާބާދީގެ ގާތްގަނޑަކަށް 80 ޕަސެންޓް މީހުން މޯލްޑިވްސް ރިޓަޔާމެންޓް ޕެންޝަން ސްކީމްގައި ބައިވެރިވެފައިވެ އެވެ. މަހެއްގެ މައްޗަށް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާވެ އެވެ. މިހާރު ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ 154،385 މީހުންގެ ތެރެއިން 21 ޕަސެންޓަކީ 25 އަހަރުން ދަށުގެ އާބާދީ އެވެ. އަދި 38 ޕަސެންޓަކީ 26-35 އަހަރާ ދެމެދުގެ އާބާދީ އެވެ. ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން 55 އަހަރުން މަތީގެ މީހުންގެ އާބާދީއަކީ އަށް ޕަސެންޓެވެ.