ދިރާގު އަހަރީ އާންމު ޖަލްސާ މިފަހަރު އޮންލައިންކޮށް

ދިރާގު އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 11 ވަނަ ދުވަހު އޮންލައިންކޮށް ބާއްވަން ނިންމައިފި އެވެ.


ދިރާގުގެ 31 ވަނަ އަހަރީ އާންމު ޖަލްސާ އަށް ހިއްސާދާރުންނަށް ދައުވަތު ދިނުމުގެ ގޮތުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ޖަލްސާ ކުރިއަށް ގެންދާނީ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިން ޖެނެރަލް މީޓިން މެނޭޖްމެންޓް ސިސްޓަމުންނެވެ. މިއީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުން އުފައްދާފައިވާ ސިސްޓަމެކެވެ. ޖަލްސާ ބާއްވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:15 ގަ އެވެ.

ދިރާގުން މިގޮތަށް އޮންލައިންކޮށް އަހަރީ އާންމު ޖަލްސާ ބާއްވަނީ ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މި ޖަލްސާގައި އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް މެންބަރަކު ހޮވާނެ އެވެ. ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައަޅާފައިވާ އަދަދު ފާސްކުރުމުގެ އިތުރުން ކޭޕީއެމްޖީ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކަނޑައެޅުމާއި މިއަހަރުގެ އިންޓަރިމް ޑިވިޑެންޑް ބެހުމުގައި އަމަލުކުރުރުމާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުން ފާސްކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.

އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ކުރިން ޝެއާހޯލްޑަރެއްގެ ގޮތުގައި ރަޖިސްޓާވެއްޖެ ނަމަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ އެވެ. އަދި ވޯޓުލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. ޖަލްސާގައި ބައިވެރިވުމަށްޓަކައި އޮންލައިންކޮށް ރަޖިސްޓާ ވެވޭނެ އިންތިޒާމުތައް ވެސް ދިރާގުން ވަނީ ހަމަޖައްސައިފަ އެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ ހިއްސާއަކަށް 12ރ. ބެހުމަށް ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން މިއަހަރުގެ ކުރީކޮޅު ނިންމައިފަ އެވެ. މިއީ ފައިދާގެ ގޮތުގައި ބަހާ ޖުމްލަ ހިއްސާގެ ފައިދާގެ 912 މިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 314.6 މިލިއަން ރުފިޔާ އަކީ އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި އެ ކުންފުނިން ބަހަން ނިންމާފައިވާ އަދަދެވެ. މި ފައިދާ ބަހާނީ ހިއްސާއަކަށް 4.14ރ. ގެ މަގުންނެވެ. އަދި ބާކީ 597 މިލިއަން ރުފިޔާ ބަހާނީ ފައިނަލް ޑިވިޑެންޑުގެ ގޮތުގަ އެވެ. އެއީ ހިއްސާއަކަށް 7.86ރ. ގެ މަގުންނެވެ.