ރިސޯޓުތަކުގެ މުވައްޒަފުން ރަށަށް ދާން އިތުރު ފުރުސަތެއް ދީފި

ލޮކްޑައުންއާ ގުޅިގެން ރަށަށް ނުދެވި ތާށިވެފައި ތިބި މީހުންގެ ތެރެއިން، ކުރިން ރަޖިސްޓަރީ ނުވެވުނު ރިސޯޓު މުވައްޒަފުންނަށް ސަރުކާރުން އިތުރު ފުރުސަތެއް މިއަދު ދީފި އެވެ.


ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ރަށަށް ދާން ބޭނުންވާ ރިސޯޓުތަކުގެ މުވައްޒަފުންނަށް އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅައިގެން ރަޖިސްޓަރީ ކުރެވޭނެ ކަމަށެވެ. ހޮޓްލައިން ނަމްބަރަކީ 7223131 އެވެ. މި ނަންބަރަށް އެސްއެމްއެސް ކޮށްގެން ރަޖިސްޓަރީ ކުރެވޭނެ އެވެ. މީގެ އިތުރުން އީމެއިލް މެދުވެރިކޮށް ވެސް ނަން ނޯޓު ކުރެވޭނެ އެވެ.

މިދިޔަ މަހުގެ 15 ން ފެށިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ލޮކްޑައުން ކުރުމާ ގުޅިގެން، ރަށްރަށުން މާލެ އަށް މީހުން އައުމާއި މާލެ އިން މީހުން ރަށްރަށަށް ދިއުން ވަނީ ހުއްޓާލައިފަ އެވެ. ނަމަވެސް އެ ހާލަތުގައި ވެސް ކޮންމެހެން ރަށްރަށަށް ދާން ބޭނުންވި މީހުންނަށް ހާއްސަ އުސޫލެއްގެ ތެރެއިން އެ ފުރުސަތު ދީފައިވެ އެވެ. އެކަމަކު، ޓޫރިޒަމް މިނިސްޓްރީން އަނެއްކާ ވެސް އިތުރު ފުރުސަތެއް ހުޅުވާލާފައި މިވަނީ، މާލެ ސަރަހައްދުގެ ލޮކްޑައުން ހާލަތަށް ކޮންމެ ވެސް ވަަރެއްގެ ލުއިތަކެއް ދޭން ފެށުމާ ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޓްވީޓް

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން އައުން ހުއްޓި ރިސޯޓުތަކުގެ ހިދުމަތް ވަނީ މެދުކަނޑާލައިފަ އެވެ. މިއާ އެކު، ގިނަ ރިސޯޓުތަކުން ވަނީ އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އެ މީހުންގެ ރަށަށް ދިއުމުގެ ފުރުސަތު ދީފަ އެވެ. ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސް ނުވާ ނަމަ އަންނަ ޖުލައި މަހު ރިސޯޓުތައް ހުޅުވައިލުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން ވަނީ ކޮވިޑް-19 ގެ 1،547 މީހަކު ފެނިފަ އެވެ. ބަލިން ރަނގަޅުވީ 242 މީހެކެވެ. މަރުވެފައި ވަނީ ފަސް މީހެކެވެ.