ފޯބްސް ޓްރެވަލް ލިސްޓުގެ ކުރީގައި ރާއްޖޭގެ ހަ ރިސޯޓެއް

ފޯބްސްގެ ޓްރެވަލް ގައިޑުން ދޭ ފަސްތަރީގެ އެވޯޑު ރާއްޖޭގެ ހަ ރިސޯޓަކަށް ލިބިއްޖެ އެވެ.


އެ މަޖައްލާ އިން މި ލިސްޓުގައި ހިމަނަނީ ދުނިޔޭގެ ހުރިހާ މަންޒިލަކުން އެންމެ ފާހަގަކޮށްލެވޭ ރިސޯޓުތަކާއި ހޮޓާތަކެވެ. މިއީ، ގިނަ އަދަދެއްގެ ޓޫރިސްޓުން ދަތުރުކުރަން އެންމެ ރަނގަޅު މަންޒިލް ކަނޑައެޅުމުގައި އެހީއަކަށް ވާއިރު، މި ލިސްޓުގައި ހިމެނޭ ރިސޯޓުތަކާއި ހޮޓާތަކަށް ފޯޯބްސް އިން އެވޯޑު ދެ އެވެ.

ފޯބްސްގެ ލިސްޓުގައި ރާއްޖޭގެ 15 ރިސޯޓެއް ހިމެނުނުއިރު، އޭގެ ތެރެއިން އެ މަޖައްލާ އިން ދޭ ފަސްތަރީގެ އެވޯޑު ލިބުނީ ހަ ރިސޯޓަކަށެވެ. އެއީ ޝެވަލް ބްލާންކް ރަންދެއްޔާއި ފޯ ސީޒަންސް ކުޑަ ހުރާ އާއި ކަނުހުރާ މޯލްޑިވްސް އާއި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓާއި ވޯއްމުލި އަދި ވެލާ ޕްރައިވެޓް އައިލެންޑެވެ.

މިއީ، ފޯބްސް މަޖައްލާ އިން ދޭ އެންމެ މަތީ ދަރަޖައިގެ އެވޯޑެވެ.

މި ލިސްޓުގެ ހަތަރު ތަރީގެ އެވޯޑު ލިބުނު ރާއްޖޭގެ ރިސޯޓުތަކުގެ ތެރޭގައި ބަންޔަން ޓްރީ ވައްބިންފަރާއި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި ޖޯލި މޯލްޑިވްސް އާއި ޖުމެއިރާ ވިޓަވެލި އާއި ޕާކް ހަޔާތު މޯލްޑިވްސް ހަޑަހާ އަދި ތާޖް އެގްޒޯޓިކާ ހިމެނެ އެވެ.

މީގެ އިތުރުން، އަމިއްލަފުށި ރިސޯޓާއި ސިކްސް ސެންސަސް ލާމު ރިސޯޓާއި ތާޖު ކޮރަލް ރީފް ވެސް މި ލިސްޓުގައި ހިމެނެ އެވެ. ނަމަވެސް މި ތިން ރިސޯޓަށް އެ ލިސްޓުގެ އެއްވެސް އެވޯޑެއް ލިބިފައެއް ނުވެ އެވެ.

ފޯބްސް ޓްރެވަލް ގައިޑަށް ރިސޯޓުތައް ހޮވަނީ އެ މަޖައްލާގެ ރިޕޯޓަރުން ޓޫރިސްޓުންގެ ގޮތުގައި ރިސޯޓުތަކަށް ގޮސް ކުރާ ތަޖުރިބާތަކަށް ބަލައިގެންނެވެ. އެވޯޑު ދިނުމުގައި ވެސް އެ ރިސޯޓަކުން ފޯރުކޮށްދޭ ތަޖުރިބާތަކަށް ބަލާނެ އެވެ.

ރާއްޖެ އަކީ ދުނިޔޭގެ އެތައް ބައެއްގެ މެދުގައި ޗުއްޓީ ހޭދަކޮށްލަން މަގުބޫލު މަންޒިލެކެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ބޯޑަރު ބަންދު ކުރުމުގެ ސަބަބުން މިވަގުތަށް ރާއްޖޭގެ ޓޫރިޒަމް ވަނީ މަޑުޖެހިފަ އެވެ. ރާއްޖޭގެ މިހާރު އޮތް ހާލަތު އިތުރަށް ގޯސްނުވާ ނަމަ އަންނަ ޖުލައި މަހު ބޯޑަރު އަލުން ހުޅުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.