މުދާ ކްލިއާ ނުކުރާ މައްސަލަ ބޮޑުވެ، ޖޫން 10 ން ފެށިގެން އަލުން ޑެމަރޭޖް ފީ ނަގަން ފަށަނީ

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މި ދުވަސްވަރު ޑެމަރޭޖް ފީ ނުނަގަން ކުރިން ނިންމި ނަމަވެސް ވިޔަފާރިވެރިން މުދާ ކްލިއާ ނުކުރާ މައްސަލަ ބޮޑުވެ، އަންނަ ޖޫން މަހުގެ 10 ން ފެށިގެން އެ ފީ ނަގަން ފަށާނެ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.


އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ޑެމަރޭޖް ފީ ނުނަގަން ނިންމުމާއެކު، ބައެއް ވިޔަފާރިވެރިން މުދާ ކްލިއާ ނުކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ކޮންޓެއިނަރު މާލޭގެ ވިޔަފާރި ބަނދަރުގައި ބަހައްޓަން ޖެހިފައިވާ ކަމަށެވެ. މުދާ ހިފައިގެން އަންނަ އެހެން ބޯޓުތަކުން ބަނދަރަށް ބާލާ މުދާ ބަހައްޓާނެ ޖާގަތައް އޭގެ ސަބަބުން ގެއްލި، އޮޕަރޭޝަނަށް ބުރޫ އަރާ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.

މިދިޔަ މަހުގެ 15 ން ފެށިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންއާ ގުޅިގެން އެމްޕީއެލްގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނަޔަސް މިހާރު ދީފައިވާ ލުއިތަކާއެކު އިތުރު ބަދަލުތައް ގެނައުމަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އެގޮތުން، ރޯދަ މަހަށް ފަހު، އޮޕަރޭޝަން ކުރިއަށް ގެންދާ ގަޑިތައް އިތުރު ކުރުމުން ވިޔަފާރިވެރިންނަށް މިހާރު އެއްވެސް ދަތިކަމެއް ނެތި މުދާ ކްލިއާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލުން ބުނިގޮތުގައި އެ ކުންފުނިން ޑެމަރޭޖް ފީ ނެގި ނަމަވެސް 20 ޕަސެންޓު މާފު ކޮށްދޭނެ އެވެ. ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މި ދުވަސްވަރު ބަނދަރަށް ބާލާ މުދާ އެއްވެސް ފީއަކާ ނުލައި 12 ދުވަސް ވަންދެން ބެހެއްޓޭނެ ކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ވިޔަފާރިވެރިންނަށް ލުއިތަކެއް ހޯދައިދިނުމަށް ޑެމަރޭޖް ފީ ނުނެގުމަށް އެމްޕީއެލުން ނިންމި ނަމަވެސް މުދާ ކްލިއާ ނުކުރުމުގެ ސަބަބުން އޮޕަރޭޝަނަށް އުނދަގޫވާ ކަމަށް އެމްޕީއެލުން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ. ވިޔަފާރިވެރިން ލަސްނުކޮށް މުދާ ކްލިއާ ކުރުމަށް ވެސް އެ ކުންފުނިން ވަނީ އެކި ފަހަރުމަތިން އެދިފަ އެވެ.