ޔޫކޭގެ ގިނަ ބަޔަކު އަންނަ އަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ބުކިން ހަދަނީ

ޗުއްޓީ އަށް އެކި ގައުމުތަކަށް ދާން ބުކިން ހައްދާ މީހުންގެ އަދަދު އިނގިރޭސި ވިލާތުގައި ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ހައްދާފައިވާ ބުކިން ކަމަށް އިނގިރޭސި ވިލާތުގެ މީޑިއާ އިން ރިޕޯޓްކޮށްފި އެވެ.


އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ މި އަހަރު ޗުއްޓީ ހޭދަކުރަން އެކި ގައުމުތަކަށް ދިއުން ރައްކާތެރި ނޫން ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށެވެ. އެހެންވެ އަންނަ އަހަރު "އެކްސްޓްރާ ސްޕެޝަލް" ޗުއްޓީއެއް ހޭދަކުރަން މިހާރުން ފެށިގެން ގިނަ ބަޔަކު ފައިސާ އެއްކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ޓްރެވަލް ކުންފުނި "ކޯނި" އިން ބުނެފައިވަނީ އަންނަ އަހަރު ޗުއްޓީ ހޭދަކުރަން ބުކިން ހައްދާފައިވާ މީހުންގެ އަދަދު ވަނީ ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައި ކަމަށެވެ. ބުކިން ހެއްދި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބުކިން ހެއްދީ ރާއްޖެއަށް އަންނަން ކަމަށް ވެސް އެ ފާމުން ވަނީ ބުނެފަ އެވެ.

"ދުނިޔޭގެ އެތައް ގައުމަކަށް ދާން އަހަރެމެން ބުކިން ހައްދައިދޭއިރު ރާއްޖެއަށް ދާން ބުކިން ހައްދާ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައި. އަންނަ އަހަރު އެ ގައުމަށް ދާން ބުކިން ހެއްދި ނިސްބަތް 56 ޕަސެންޓަށް އަރާ،" ކޯނީގެ ޗީފް އެގްޒެކެޓިވް ޑެރެކް ޖޯންސް އެ ގައުމުގެ ނޫސްތަކަށް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ކޮވިޑް-19 ގެ ސަބަބުން މަޑުޖެހިފައި އޮތް ނަމަވެސް އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވާލަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ހަމަސް ދުވަހަށް ވެސް އެކި ގައުމުތަކުން ޓޫރިސްޓުން ވަނީ ރާއްޖެ އަށް އަންނަން ބުކިން ހައްދައިފަ އެވެ.

އެމްއެމްޕީއާރުސީން ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދިޔަ "ދަ ސަން ވިލް ޝައިން އެގެއިން" އިވެންޓުގައި ވެސް އެކި ގައުމުތަކުން މީހުން ރާއްޖެއަށް އަންނަން ބޭނުންވެފައި ތިބިކަން ވަނީ އެނގިފަ އެވެ. އެއްބަޔަކު މިއަހަރު އަންނަން ތައްޔާރުވާއިރު އަނެއްބަޔަކު ބޭނުންވަނީ އަންނަ އަހަރު ރާއްޖެ އަށް އަންނާށެވެ.