ސޮނީ ސްޕޯޓްސް އިން ލަންޑަނުގެ "ޕެޕޭ ޖީންސް" ރާއްޖެ އަށް ތައާރަފް ކުރަނީ

ލަންޑަނުގެ މަޝްހޫރު ފެޝަން ބްރޭންޑް، "ޕެޕޭ ޖީންސް"ގެ ކުޑަކުދިންގެ ހެދުން ސޮނީ ސްޕޯޓްސް އިން މާދަމާ ރާއްޖެ އަށް ތައާރަފު ކުރާނެ ކަމަށް އެ ފިހާރަ އިން ބުނެފި އެވެ.


މި ބްރޭންޑް ތައާރަފުކޮށް "ސޮނީ ސްޕޯޓްސް ކިޑްސް" ފިހާރަ އިތުރަށް ފުޅާ ކުރުމަށް އެ ފިހާރަ މިހާރު ވަނީ ޖަނަވަރީ މަގަށް ބަދަލުކޮށްފަ އެވެ. އަދި މާދަމާ އެ ފިހާރަ ހުޅުވަން ނިންމާފައިވާއިރު ޕެޕޭ ޖީންސް ތައާރަފް ކުރުމުގެ މުނާސަބަތުގައި ކޮންމެ ކަސްޓަމަރަކަށް 15 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ ކަމަށް ސޮނީ ސްޕޯޓްސް އިން ބުންޏެވެ.

ޕެޕޭ ބްރޭންޑަކީ ޑެނިމް ފޮތިން ތަފާތު އެކި ޑިޒައިނުގެ އަންނައުނު ތައްޔާރު ކުރާ ކުންފުންޏެކެވެ. ނަވާރަސަތޭކަ ހަތް ތިހަ ތިން ވަނަ އަހަރު ތައާރަފު ކުރި މި ބްރޭންޑަކީ މިއަދު ދުނިޔޭގެ ފެޝަން އިންޑަސްޓްރީގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ.

ޕެޕޭ ޖީންސް ބްރޭންޑަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެއް--

މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ސޮނީ ސްޕޯޓްސްގެ ފިހާރަތައް ބަންދު ކޮށްފައިވާއިރު މާދަމާ ލޮކްޑައުނަށް ދޭ ލުއިތަކާ ގުޅިގެން ބޮޑެތި ޑިސްކައުންޓުތަކާ އެކު އެ ފިހާރަތައް ހުޅުވަން އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން، ޗާންދަނީ މަގުގައި ހުންނަ "ސޮނީ ސްޕޯޓްސް ލައިފް ސްޓައިލް" އިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. މީގެ ތެރެއިން ފުޓުބޯޅަ ޓާފް ބޫޓުން 25 ޕަސެންޓުގެ ޑިސްކައުންޓު ލިބޭއިރު ދުވުމާއި ޓްރެއިނިން ބޫޓުތަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި ކޮންމެ ޖާޒީ ސެޓަކުން 40 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ސޮނީ ސްޕޯޓްސް އިން ބުންޏެވެ.

މީގެ އިތުރުން އެ ކުންފުނީގެ ދަށުން މާލޭގައި ހިންގާ "ބާޓާ" އާއި "މެންގޯ" ފިހާރައިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވެސް ބޮޑެތި ޑިސްކައުންޓުތައް ލިބޭނެ އެވެ. ބާޓާ އިން 20 ޕަސެންޓުގެ ޑިސްކައުންޓު ލިބޭއިރު މެންގޯ ފިހާރަ އިން 15 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.